02 Feb 2011, 09:21
މިދިއަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ބީޖީ ކަން މަތީގައި ފުލުހުން މީހެއްގެ ގައިގައި މުގުރުން ތެޅުމުގައި އޭނާގެ ވާތު އުޅަނބޮށީގައި މުގުރުން ޖެހިފައި ވަނީ އޭނާ ނުކިޔަމަންތެރި ކަމާއި ގަދަ ދެއްކުމުން ކަމަށާއި އެއީ ފުލުހުން ގަސްދުގައި ކޮށްފަވާ ކަމެއް ކަމަށް ނުފެންނަ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމައިފި އެވެ.
މިދިއަ މަހު 19 ވަނަ ދުވަހުގެ ރޭ މުރަނގަ މަގާއި އިއްޒައްދީން މަގުގު ގުޅޭ ހިސާބުގައި ހިނގި ހަމަނުޖެހުމުގައި ފުލުހުން ދެމީހަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައާބެހޭ މައްސަލަ ބެލުމަށް ފަހު ޕޮލިސް އިންޓެގްރިޓީން ވަނީ ރިޕޯޓެއް މިއަދު އާންމުކޮށްފަ އެވެ.
އެ ރިޕޯޓްގައި މި މައްސަލައިގައި ފުލުހުން މުގުރު ބޭނުންކޮށްފައި ވަނީ ފުލުހުން ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމުގެ ގަވައިދުގެ 14 ވަނަ މާއްދާ އާއި 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"... ފުލުހުން މުގުރުން ޖަހާފައިވާ މީހާގެ ވާތު އުޅަނބޮށީގައި މުގުރުން ޖެހިފައި ވަނީ އޭނާގެ ނުކިޔަމަންތެރިކަމާއި ގަދަދެއްކުން ހުރި ގޮތުން ކަމަށާއި އެއީ ފުލުހުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ނުފެންނަ ކަމުގައި ކޮމިޝަނުން ނިންމައިފިން" ކަމަށް ރިޕޯޓްގައި ވެއެވެ.
މި މައްސަލައާ ގުޅިގެން އިންޓެގްރީޓި ކޮމިޝަނުން ވަނީ ނުކުތާތަކެއް ފާހަގަ ކޮށްފަ އެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ހިސާބުގައި 20 އަށް މީހުންގެ ގްރޫޕަކުން ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ގޮސް އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންގެ ގަޔަށް އަތްލާ މާރާ މާރާމާރީ ހިންގާފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.
އެރޭ މީހުން ހައްޔަރުކުރަން ފުލުހުން އުޅުނު އިރު ހައްޔަރުވި ދެމީހުންގެ ތެރެއިން އެކަކު ފުލުހުން ތަކުރާރުކޮށް އެދުމުން ވެސް ގަދަ ބާރުދައްކާ ފިލަން އުޅޭތީ ޕެޕާ ސްޕޭރޭ ޖެހުމުން ވެސް ކިޔަމަން ނުވުމުން މުގުރު ބޭނުން ކުރަން ޖެހުނު ކަމާއި ފުލުހުން މުގުރުން ޖަހާފައި ވަނީ ޕްރައިމަރީ ޓާގެޓް އޭރިއާކަން އެނގޭ ކަމަށާއި އެ ގޮތުން ޖަހާފައި ވަނީ ކޮނޑު ހުޅާ އުޅަބޮއްޓާ ދޭތެރޭގައި ކަމަށް ވެސް އިންޓެގްރިޓީން ވަނީ ބުނެފަ އެވެ.
ބީޖީ ކަންމަތީގައި ހިނގި މާރާމާރީއެއްގައި ފުލުހުންގެ ބަޔަކު ވެގެން މީހެއްގެ ގައިގައި ތަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ލީކުވީ ޑިސެންމްބަރު 20، 2010 ގައެވެ. ގެއެއްގެ މަތިން ނަގާފައިވާ ދެ މިނެޓްގެ އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ ހުސްގަޔާ ހުރި ޒުވާނެއްގެ ގައިގައި ހަ ފުލުހުންގެ ތެރެއިން ފުލުހަކު އޭނާގެ ގައިގައި ތަޅާ ތަނެވެ. އަދި "ތަދުވެޔޭ" ގޮވައި ހަޅޭއްލައްވާ އަޑާއި ހަޑިހުތުރު ބަހުން އެއްޗެތި ގޮވާ އަޑު ވެސް އިވެ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެ ވީޑިއޯ އިން ފެންނަ ޒުވާނާ އަކީ އުމުރުން 23 އަހަރުގެ ވިސާހު އަބުދުލް ލަތީފް ކިޔާ ޒުވާނެކެވެ.
ވީޑިއޯއިން ފެންނަ ގޮތުން އިތުރު މީހަކު ވެސް ފުލުހަކު ބިޑި އަޅުވައި ހިފަހައްޓާފައި ހުރެ އެވެ. އަދި ވިސާހު ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާގެ އަތުގައި އެތަނުން ފުލުހަކު ބިޑިއަޅުވަން މަސައްކަތް ކުރާތަން ފެނެ އެވެ. ނަމަވެސް އެ ވަގުތު އިތުރު މީހަކު އެ ދެ މެދަށް ވަދެ އޭނާ ސަލާމަތް ކުރަން އުޅެ އެވެ.