ތައިއެއާއޭޝިޔާގެ ކްރޫއެއްގެ ގަޔަށް ހޫނުފެނާއި ނޫޑުލްސް އުކި ޗައިނާގެ ޓުއަރިސްޓުންނަށް ހަރުކަށި އަދަބުދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޗައިނާގެ ނެޝަނަލް ޓްއަރިޒަމް އެޑްމިނިސްޓްރޭޝަނުން އިއްޔެ ބުނި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ޓުއަރިސްޓުން މަތިންދާބޯޓުގެ ދަތުރަށް ބުރޫ އެރުވުމުން އެހެން ޕަސިންޖަރުންނަށް ގެއްލުންވެފައިވާ ކަމަށާއި ޗައިނާ އެންމެންގެ ތަސައްވުރު އެކަމުގެ ސަބަބުން ހަޑިވެފައިވާ ކަމަށެވެ.

ތައިއެއާއޭޝިޔާގެ މަތިންދާބޯޓެއްގައި އިށީއިނުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރި ގޮތާ މެދު ނުރުހިގެން ޗައިނާގެ ޓޫރިސްޓަކު ވަނީ އެބޯޓުގެ އެޓެންޑެންޓެއްގެ ގަޔަށް ހޫނު ފެނާއި ނޫޑުލުސް އުކައި، ބޯޓު ގޮއްވައިލާނެ ކަމަށް ބުނެ ހަޅޭއްލަވާފަ އެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރައިގެން ޗައިނާގެ ނާންޖިންއަށް ދަތުކުރު ތައި އެއާއޭސިއާގެ މަތިންދާބޯޓެއްގައި ހިނގި އެހާދިސާގެ ސަބަބުން އެބޯޓު އަނބުރާލާފައި އަލުން ބެންކޮކަށް ދިޔަ އެވެ. އެބޯޓު އަލުން ނާންޖިންއަށް ދިޔައީ އެއްތަނެއްގައި ދެމީހުންނަށް ތިބެވޭނެ ގޮތެއް ހަމަނުޖެހިގެން ރުޅި އައި ޗައިނާގެ މީހާއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްގެންނެވެ.

ޓޫރިސްޓުންގެ ގޮތުގައި ޗައިނާގެ 100 މިލިޔަނަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ގައުމުތަކަށް މިއަހަރު ދަތުރުކޮށްފައިވާ އިރު އެމީހުންގެ ފަރާތުން އަހުލާގީ މައްސަލަތައް ފެންމަތިވާތީ އެކަން އެގޮތަށް ނުކުރުމަށް ޗައިނާ ސަރުކާރުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ. އެގޮތުން ޗައިނާގެ ރައީސް ޒީޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އަށް އަންނަ ޗައިނާގެ މީހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އެގޮތުން މޫދަށް ކުނި އަޅައި ރާއްޖޭގެ ފަރުތައް ހަލާކު ނުކުރުމަށް ޗައިނާގެ ޓޫރިސްޓުންނަށް ޒީ ވަނީ ގޮވައި ލައްވާފަ އެވެ.