ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހައިކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދާއި ގާނޫނީ ވަކީލު ހަސަން މާޒު ޝަރީފް އަދި ގާނޫނީ ވަކީލު މުހައްމަދު ފައިސަލް އެވެ.

ހައިކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޝާހީން ހަމީދު ވިދާޅުވީ އެ މައްސަލައިގައި އެދިފައި ވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

ޝާހީން ވިދާޅުވީ އެ މައްސަލައިގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށެވެ. ވަގުތީ އަމުރުގައި އެދިފައިވާނީ ހައިކޯޓުން އެ މައްސަލާގައި ހުކުމެއް ކުރުމުގެ ކުރިން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް އަންގައި އަމުރުކޮށްދިނުމަށް ކަމަށެވެ.

"ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ އަޅުގަނޑުމެން އެދިފައިވާނީ ހައިކޯޓުން މި މައްސަލައާ މެދު ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ގާނޫނު ނަންބަރު 40/2014 ގެ އެއްވަނަ މާއްދާއަށް އަމަލުކުރުން ފަސްކުރުމަށާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް އަންގައި އަމުރުކޮށްދިނުމަށް،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ތިން ބާރު ވަކިކުރުމަށް ކަނޑައެޅިފައިވާއިރު އެއްބާރެއްގެ ފަރާތުން އަނެއްބާރުގެ އެތެރޭގައި ހިމެނޭ ކަންކަން އުނިކޮށް ބައެއް ފަނޑިޔާރުން ވަކިކުރުން އެއީ އުސޫލީ މައްސަލައެއް ކަމަށެވެ.

އެއްވެސް ތަހުގީގެއް އަދި އެއްވެސް ހެއްކެއް ނެތި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅޭ ގޮތުން ވަކިގޮތަކަށް ނިންމުމުގެ ބާރު ޖުޑީޝަލްސާވިސް ކޮމިޝަނަށް އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީގައި ލިޔެވިފައިވާ އުސޫލުތަކާ ޚިލާފު އެންމުމެއް ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

"އަޅުގަނޑުދެކޭ ގޮތުގައި ގާނޫނަށް އިސްލާހެއް ގެނެސްގެން އެ އިސްލާހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ނާގާބިލް ދެ ފަނޑިޔާރަކު ތިބި ކަމަށް ބެލެވިގެން އެހިސާބުން ފެށިގެން ތަހުގީގެއް ހެއްކެއް ނެތި، އެކަހަލަ ގޮތަކަށް ބެލެވިގެން ޖޭއެސްސީއަށް މައްސަލަ ވަކިގޮތަކަށް ނިންމުމަށް އަންގާފައިވާ އެންގުމަކީ ގާނޫނު އަސާސީގައި ލިޔެވިފައިވާ އުސޫލުތަކާ ޚިލާފު ކަމެއް،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުން ގާނޫނު އަސާސީގައި ހިމާޔަތްކޮށްދީފައިވާ ހަމަހަމަ ކަމުގެ ހައްގާއި އަދުލުއިންސާފުގެ ހަމަތަކުގެމަތިން ކަންކަން ކުރުމަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ވަނީ އިސްތިސްނާކޮށްފައެވެ.

"....އެކަން ކުރުމަށް ޓަކައި ގާނޫނު އަސާސީގައި ހިމާޔަތްކޮށްދީފައިވާ ހަމަހަމަ ކަމުގެ ހައްގާއި އަދުލުއިންސާފުގެ ހަމަތަކުގެމަތިން ކަންކަން ކުރުމަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް އިސްތިސްނާ ކުރުވައި ނުވަތަ އެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް އަމަލުކުރުމުގެ ފުރުސަތު ޖޭއެސްސީ އަށް ދީފައިވާ ގޮތަށް ގާނޫނު ބައްޓަން ކުރެވިފައި ވަނީ. އެއީ ވެސް ގާނޫނު އަސާސީއާ ޚިލާފު ކަމެއް،" ޝާހީން ވިދާޅުވި އެވެ.