14 Dec 2014, 10:02
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ގައިކޮޅަށް މިއަދު ޕެޓްރޯލް ޖެހި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު އޮތް ޖަލްސާގައި އިންތި ވިދާޅުވީ އޭނާ މިއަދު މަޖިލީހަށް ވަޑައިގަންނަވަނިކޮށް، އޭނާގެ ގަޔަށް ޕެޓްރޯލް ޖަހާފައިވާ ކަމަށެވެ. އަދި އިންތި މިއަދު މަޖިލީހަށް ވަޑައިގެންނެވީ ވެސް އެގޮތަށް ހުންނަވައިގެންނެވެ. އަދި އޭނާގެ ގަޔަށް ޕެޓްރޯލް ޖަހާފައިވާ ތަން މަޖިލީހުގެ ރައީސަށް އިންތި ވަނީ ދައްކަވައިފަ އެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ވެސް އޭނާ މިއަދުގެ ޖަލްސާގައި އެދިވަޑައިގެންނެވި އެވެ.
އިންތި ވާނީ މަޖިލީހުގެ ރިޔާސަތުގެ ކިބައިން އޭނާ އަށް މަޖިލީހުން ސެކިއުރިޓީ ބޭނުންވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ އެއްވެސް މެމްބަރަކު ސެކިއުރިޓީ ބޭނުންވާ ނަމަ އެކަން މަޖިލީހަށް އެންގުމުން އެކަންތައް ހަމަޖެހޭނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެ ވާހަކަ އެނގުނު ހިސާބުން ފެށިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިންތިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ގައިކޮޅަށާއި އޭނާގެ ކާރަށް ވަނީ މިއަދު މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނަވަނިކޮށް ކަޅުތެޔޮ ޖަހައިފަ އެވެ. އޭނާ ވެސް މަޖިލީހަށް ވަޑައިގެންނެވީ އެގޮތަށް ހުންނަވައިގެން ނެެވެ.