ރާއްޖޭގެ ވޮލީ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ކަށަވަރުކޮށްފިއެވެ.

ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ފުރަތަމަ ސެމީ ކާމިޔާބު ކޮށްގެނެވެ. އެ މެޗުގައި ޕޮލިސް ކްލަބް ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއެވެ. އެ މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ ކުޅުނު ފަސް ސެޓުގެ ތެރެއިން ތިން ސެޓު ކާމިޔާބު ކޮށްގެނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ޕްރަބާގަރަން އެވެ.

އެ މެޗުގެ ނަތީޖާއާއެކު ދިވެހި ސިފައިންގެ ކްލަބަށް ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ދެން އޮތީ މުބާރާތުގެ ދެވަނަ ސެމީ ކާމިޔާބުކޮށްގެނެވެ. މުބާރާތުގެ ދެވަނަ ސެމީގައި އެ ޓީމާ ބައްދަލުކުރަން ހަމަޖެހިފައި ވަނީ އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ސްޕޯޓްސް ކްލަބް ސިޓީ އާއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރީ ސްޕޯޓްސް ކްލަބް ގުޑީސް އާއެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ސިޓީގެ ކަލައިޗެލްވަމް އެވެ.

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތަކީ ގައުމީ ވޮލީ ބޯޅަ ލީގުގެ ފުރަތަމަ ހަތަރު ޓީމްގެ މެދުގައި ކުޅެވޭ މުބާރާތެކެވެ. އެ މުބާރާތް ކުޅެން ހަމަޖެހިފައި ވަނީ ލީގުގެ ފުރަތަމަ ދެ ޓީމްގެ މެދުގައި ކުޅެވޭ މެޗު ކާމިޔާބު ކުރާ ޓީމަށް ފައިނަލުން އޮޓަމެޓިކް ޖާގަ ކަށަވަރުވާ ގޮތަށެވެ. އަދި އެމެޗުން ބަލިވާ ޓީމު ދެން ބައްދަލުކުރަން ޖެހޭނީ ގައުމީ ވޮލީބޯޅަ ލީގުގައި ތިންވަނަ އާއި ހަތަރުވަނަ މަގާމް ހާސިލް ކުރި ޓީމްތަކުގެ މެދުގައި ކުޅެވޭ މެޗު ކާމިޔާބުކުރާ ޓީމާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނިމިގެން ދިޔަ ގައުމީ ވޮލީބޯޅަ ލިގުގެ ޗެންޕިއަންކަން ހޯދި ޓީމަކީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި އެ ލީގުގެ ދެވަނަ މަގާމް ޕޮލިސް ކްލަބް ހާސިލް ކުރިއިރު، ގައުމީ ވޮލީބޯޅަ ލީގުގެ ތިންވަނަ އަދި ހަތަރުވަނަ މަގާމް ހާސިލްކުރީ ސްޕޯޓްސް ކްލަބް ސިޓީ އާއި ސްޕޯޓްސް ކްލަބް ގުޑީސް އެވެ.