ބަޣްދާދު (ޑިސެމްބަރު14): އިރާގާއި ސީރިޔާގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުއުލަތެއް އިޢްލާންކޮށްގެން އުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަކީ ބަލިނުކުރެވޭނެ ޖަމާއަތެއް ނޫން ކަމަށާއި އެ ޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ ހުރިހާ ސަރަހައްދުތަކެއް މިނިވަންކުރާނެ ކަމަށް އެގައުމުގެ ރައީސް ފުއާދު މަޢްސޫމް ވިދާޅުވެއްޖެ އެވެ.

ބަޣްދާދުގައި ދެއްވި ބަޔާނެއްގައި މަޢްސޫމް ވިދާޅުވީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އުތުރުގެ ރަށެއްކަމަށްވާ މޫސިލް މިނިވަން ކުރުމުގެ އޮޕަރޭޝަން އިރާގު ސިފައިން މިހާރު ފަށާފައިވާ ކަމުގަ އެވެ. އިރާގުގެ ރައީސް މިބަޔާން ދެއްވީ މޫސިލްގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ބަޢްޝީގާގައިވާ އައިއެސްގެ އަމާޒުތަކަށް އެޖަމާއަތާ އިދިކޮޅު އިއްތިޙާދުން ވައިގެ ޙަމަލާތައް ދޭންފަށާފައި ވަނިކޮށެވެ.

އައިއެސްއާ ހަނގުރާމަ ކުރުމަށް ޓަކައި އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ އިއްތިޙާދުގެ ގައުމުތަކުން މޫސިލްއަށް އިއްޔެ ދޭންފެށި ވައިގެ ޙަމަލާތަކާ އެކު އިރާގު ސިފައިންނާއި ސުންނީ ގަބީލާތަކުގެ ހަނގުރާމަވެރިން އެއްގަމުމަގުން މޫސިލްއާ ގާތްވަމުން ދާކަމަށް އިރާގުން ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މޫސިލްގައިވާ އައިއެސްގެ 16 އަމާޒަކަށް އިއްތިޙާދުގެ ގައުމުތަކުން ގެންދަނީ ވަރަށް ވަރުގަދައަށް ވައިގެޙަމަލާތައް ދެމުންނެވެ.

މިޙަލާތަކުގައި އައިއެސްގެ ހަނގުރާމަވެރިންނާއި މަސްއޫލުވެރިން ހިމެނޭ ގޮތަށް 150 މީހުން މަރުވެފައިވާ އިރު މީގެ ތެރޭގައި މޫސިލް ޔުނިވަރސިޓީގެ ޗާންސެލާ ކަމުގެ މަގާމަށް އައިއެސްއިން އައްޔަން ކޮށްފައިވާ ޚާލިދު މުހައްމަދު ޖަމީލް އާއި މޫސިލްގައި އައިއެސްއިން ގާއިމްކޮށްފައިވާ ލޯކަލް އިދާރާގެ ތައްލީމާ ބެހޭ މަސްއޫލުވެރިޔާ ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އައިއެސްއިން މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

އައިއެސްއިން މިހަފްތާ ތެރޭގައި ވަނީ މޫސިލްގެ ގަވަރުނަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މުޢައްމަރު ތަވައްޙަލްހުއަށް މަރުގެ އަބަދު ދީފަ އެވެ. އޭނާ އަށް މަރުގެ އަދަބު ދިނީ އައިއެސް އަށް ޚިޔާނާތްތެރިވުމުގެ ކުށުގައިކަމަށް އެޖަމާއަތުން ބުނެފައިވެ އެވެ. އިރާގު ސަރުކާރު ބުނާގޮތުން މޫސިލްގެ ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި މުޢައްމަރު ތަވައްޙަލްހު އެމަގާމުން ދުރުކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އައިއެސް މުއައްމަރަށް މަރުގެ އަދަބުދިނީ އިއްޔެގެ ވަގުތެއްގައި ކަމަށް ޚަބަރުލިބެ އެވެ.

މޫސިލް މިނިވަން ކުރުމުގެ އޮޕަރޭޝަން އެއްގަމު މަގުން އިރާގު ސިފައިން މިހާރު ފަށާފައިވާ އިރު މުސިލްއާ އަވަށްޓެރި ސަލާޙުއްދީން ގަވަރނޭޓްގައި ވެސް އައިއެސްގެ ހަނގުރާމަވެރިން ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. މިގޮތުން ސަލާހުއްދީން ގަވަރނޭޓްގައިވާ އައިއެސްގެ ގިނަ މަރުކަޒުތައް ދޫކޮށްލައި އެޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ ހަފްތާގައި އެތަންތަނުން ފާބައިގެން ގޮސްފައިވާ ކަމަށް މުރާސިލުން ބުނެ އެވެ. (އަލްޖަޒީރާ)