14 Dec 2014, 00:40
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގައި އެއްވުން މަނާކޮށްފައިވާ ތަނަކަށް އެއްވެއްޖެނަމަ، އިންޒާރަކާ ނުލައި އެ އެއްވުމެއް ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ވަނީ އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް ބާއްވާ ފަރާތްތަކުން، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ބޭއްވޭ ސުލުހަވެރި މުޒާހަރާތަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލާމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނާ ޚިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި ގާނޫނާ ޚިލާފް އަމަލުތައް ހިންގުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އެއްވުން މަނާ ސަރަހައްދުތަކަށް އެއްވާ އެއްވުންތައް އިތުރު އިންޒާރަކާ ނުލައި ވަގުތުން ރުޅާލާނެކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެއްވުން މަނާ ސަރަހައްދަކަށް އެއްވުމަށް ގޮވާލައި ހިތްވަރު ދެމުންދާނަމަ ނުވަތަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ.
ހަމައެއާއެކު މާލޭގެ އެހެން ސަރަހައްދު ތަކުގައިވެސް އެއްވުން ބާއްވާއިރު، މާލޭގެ މަގުތަކުގައި ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ރައްޔަތުންގެ އާއްމު ދިރިއުޅުމަށް ދަތިވާފަދަ އެއްވެސް ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ދޮށަށް އެއްވެ މުޒާހަރާ ކުރުމަށް ގޮވާލަމުންދިޔަ ދެ މީހަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ދެ މީހުން ބޭނުން ކުރި ޕިކަޕު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.