02 Feb 2011, 07:58
ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުން ނޫންއެހެން އެއްވެސް ގޮތެއް ޤަބޫލުނުކުރާނެ ކަމަށްބުނެ ޤާހިރާގައާއި މިސްރުގެ އެކިކަންކޮޅުތަކުގައި އަށް މިލިޔަނަށްވުރެ ގިނަމީހުން މުޒާހަރާކޮށްފިއެވެ.
މިއީ މިސްރުގެ ތާރީޚުގައިވެސް މިހާގިނަޢަދަދެއްގެ ރައްޔިތުން އެޤައުމުގެ ވެރިމީހާ ދެކޮޅަށް އެއްފަހަރާ މުޒާހަރާކޮށް ވެރިކަން ބަދަލުކުރުމަށް ގޮވާލި ފުރަތަމަ ފަހަރެވެ. އިއްޔެއަކީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ރައްޔިތުން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގެ އަށްވަނަ ދުވަހެވެ.
އިއްޔެގެ މުޒާހަރާތަކުގައި ޤާހިރާގެ މައިދާނުއްތަޙްރީރާއި އެތާނގެ ކައިރީގައިވާ ހިސާބުތަކަށް އެކަނިވެސް ދެމިލިޔަނަށްވުރެ ގިނަމީހުން ޖަމާވެ މުބާރަކްގެ ވެރިކަން ވައްޓާލުމަށާއި މުބާރަކް ދަންޖައްސައި މެރުމަށް ގޮވާލަމުން ގެންގޮސްފައިވެއެވެ. އަދި މުބާރަކާއި އޭނާގެ ސަރުކާރުގެ އިސްފަރާތްތަކުން ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާ ތަކާމެދު ރަމްޒީގޮތުން ޝަރީޢަތް ހިންގުމަށްފަހު އެބޭފުޅުން ދަންޖައްސައި މެރުމަށް ރަމްޒީގޮތުން ޙުކުމް އިއްވިއެވެ. އަދި މިޙުކުމް ތަންފީޒު ކުރުމަށްޓަކައި މުބާރަކްގެ ސިފައިގާ ހަދާފައިވާ ބުދެއް ރަމްޒީ ސިފައެއްގައި ދަންޖެއްސިއެވެ.
އިއްޔެގެ މުޒާހަރާއަކީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި ލައްކައިގެ ބަދަލުގައި މިލިޔަނުން މުޒާހަރާކުރުމަށް ނިންމައިގެން ބޭއްވި މުޒާހަރާއެކެވެ. މިމުޒާހަރާގައި ބައިވެރިވި ދެމިލިޔަންމީހުން، މިސްރުލްޖަދީދާގައި ހުންނަ މުބާރަކްގެ ގަނޑުވަރަށް ވަދެގެންފާނެތީ މިސްރު ސިފައިންވަނީ މުބާރަކްގެ ދިފާޢުގައި ދަގަނޑުގެ ފެންސެއް ޖަހައި އެތަން ވަރަށް ވަރުގަދައަށް ޙިމާޔަތްކޮށްފައެވެ.
އަނެއްކޮޅުން މުޒާހަރާކުރާ ރައްޔިތުންނާ ވާހަކަ ދެއްކުމަށް މުބާރަކްގެ ސަރުކާރުން ހުށަހެޅި ހުށަހެޅުން ޤަބޫލުކުރުމަށް ރައްޔިތުންވަނީ ދެކޮޅު ހަދާފައެވެ. މުބާރަކް ވެރިކަން ދުރުކުރުމަށްފަހުގައިނޫނީ ސަރުކާރާއެކު ވާހަކަ ނުދައްކާނެ ކަމަށްވެސް ރައްޔިތުން ބުނެއެވެ. ރައްޔިތުންނާ ވާހަކަ ދެއްކުމުގެ ކަންތައް މުބާރަކް ހަވާލުކުރެއްވީ ނައިބު ރައީސް ކަމުގެ މަޤާމަށް ދާދިފަހުން ޢައްޔަން ކުރެއްވި ޢުމަރު ސުލައިމާނާއެވެ. -- އަލްޖަޒީރާ