13 Dec 2014, 23:29
ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރުމަށް ސިސްޓަމެޓިކްކޮށް މަސައްކަތް ކުރެވޭނެ ނިޒާމެއް ހޯދަން އެބަޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެންޖީއޯއެއް ކަމަށްވާ ހައިޑްރޯސް އިން އިންތިޒާމްކޮށްގެން ބޭއްވި ރާއްޖޭގެ ފަރުތަކާއި ގުޅޭ މައުލޫމާތުދެއްވުމަށް މިރޭ ސޯލްޓު ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިސްޓަމެޓިކްކޮށް އަދި ވިޔަފާރީގެ ތެރެއިން ދެކޮޅުޖެހޭ އުސޫލެއްގެ މަތިން ފަރުތައް ހިމާޔަތް ކުރެވޭނެ ނިޒާމެއް ހޯދަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަސްރަސްކަލުން ދިރިއުޅުއްވި ދުވަސްތަކުގައި ފަރުތަކަކީ ވަރަށް މުހިއްމު އެއްޗެއްގެ ގޮތުގައި ރަސްރަސްކަލުން ބޭނުން ކުރަމުން އައި ކަމަށެވެ. އަދި މީގެ ކުރީގައި ފަރުތަކުގެ ބޭނުން ކުރަމުން އައީ ބޮލީގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނަމަވެސް ފަހުން ފަރުތަކުގެ ބޭނުން އަޅުގަނޑުމެންނަށް ޖެހިގެން ދެން އައީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވުމާއި ގުޅިގެން. މިއަދު އަޅުގަނޑުމެންނަށް ފަރުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުހިފި، ގޮނޑުދޮށްތައް ގިރަމުން މިދަނީ ފަރުތައް ނެތުނީމަކަން އެންމެނަށްވެސް އެބަ އެނގޭ،" ރައީސް ނަޝީދިު ވިދާޅުވި އެވެ.
މި ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ފަރުތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ވަނީ ހިއްސާ ކުރައްވާފައި އެވެ.