13 Dec 2014, 22:11
ޚުރްތޫމް (ޑިސެމްބަރު 13) : ސޫދާނުގެ ސަރުކާރު ފަހަތުގައި އޮވެގެން އެގައުމުގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ދާރުފޫރްގައި ހިންގި ކަމަށް އދ. ން ތުހުމަތުކުރާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހްޤީޤުކުރުމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ކުރަމުންދާ މަސައްކަތްތައް މެދުކަނޑާލި މައްސަލައަށް އެގައުމުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު ރައްދު ދެއްވައިފި އެވެ.
ބަޝީރު ވިދާޅުވީ މިމައްސަލަ ތަހްގީގް ކުރުން ހުއްޓާލުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނިންމީ މިތުހުމަތުތަކާ ގުޅިގެން އެކޯޓުން ކުރި އަމުރުތަކަށް ސޫދާން ސަރުކާރުންނާއި އެފްރިކާގެ ގައުމުތަކުގެ ސަރުކާރުތަކާ އަދި އަރަބި ގައުމުތަކުގެ ސަރުކާރުތަކުން އަޅާނުލައި އިޖާބަ ނުދިނުމުގެ ސަބަބުން ގޮތް ހުސްވެގެން ކަމުގަ އެވެ. ދާރުފޫރްގައި ހިންގި ކަމަށް އދ. އިން ތުހުމަތުކުރާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ފަހަތުގައި ވަނީ ސޫދާނުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު އާއި ސޫދާނުގެ ބައެއް އިސް މަސްއޫލުވެރިން ކަން ސާބިތުވާ ކަމަށްބުނެ އެބޭފުޅުން ޝަރީއަތަށް ޙާޒިރުކުރުމުގެ އަމުރެއް އެކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ނެރުއްވާފައިވާތާ ވަނީ ފަސް އަހަރުވެފަ އެވެ.
މިއަމުރުގައި ސޫދާނުގެ ރައީސް ބަޝީރާއި އެގައުމުގެ ބައެއް މަސްއޫލުވެރިން ދުނިޔޭގެ ގައުމަކަށް ޒިޔާރަތް ކުރައްވައިފި ނަމަ އެގައުމަކުން އެބޭފުޅުން ހައްޔަރުކުރުމަށް ފަހު އެކޯޓާ ހަވާލުކުރުން ވެސް ހިމެނެ އެވެ. ނަމަވެސް ފަސް އަހަރުވީއިރު ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން މިއަމުރަށް އިޖާބަ ދީފައެއްނުވެ އެވެ. އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވަނީ އެގައުމުތަކަށް ބަޝީރު ވަޑައިގެންފި ނަމަ ހައްޔަރު ކުރާނެކަމުގެ އިންޒާރު ދީފަ އެވެ.
ނަމަވެސް ފާއިތުވި މުއްދަތުގައި ބަޝީރު ވެސް އަދި ދާރުފޫރުގެ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ސޫދާނުގެ އެހެން މަސްއޫލުވެރިއަކުވެސް އެގައުމުތަކަށް ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ބަޝީރާއި ސޫދާނުގެ މަސްއޫލުވެރިން ވަނީ ތަކުރާރުކޮށް އަރަބި ގައުމުތަކަށާއި އެފްރިކާގެ ގައުމުތަކަށް ޒިޔާރަތް ކުރައްވާފައެވެ. އެގައުމުތަކުން ބަޝީރު ވެސް އަދި ސޫދާނުގެ މަސްއޫލުވެރިއަކު ވެސް ހައްޔަރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ. އެހެންކަމުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މަސްއޫލުވެރިންނާއި ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތައް ވަނީ މިކަމުގައި ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ އިސް ވަކީލު ފަތާއު ބެންސޫދާ ވިދާޅުވީ، ދާރްފޫރްގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހްޤީޤުކުރުން މެދުކަނޑާލީ މިކަމުގައި އދ. އާއި ދުނިޔޭގެ ގައުމުތަކުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ ކަމުގައެވެ.
ސޫދާންގެ ދާރުފޫރު ސަރަހައްދުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ އެސަރަހައްދުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ކުށް އެގައުމުގެ މިހާރުގެ ރައީސް އުމަރު އަލް ބާޝިރުގެ މައްޗަށް ސާބިތުވާ ކަމަށްބުނެ އޭނާއާއި ސޫދާނުގެ ބައެއް މަސްއޫލުވެރިން ޙާޒިރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން 2009 ވަނަ އަހަރު ވަނީ ހުކުމްކޮށްފައެވެ. އެހެން ނަމަވެސް ގައުމުތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިހުކުމް ތަންފީޒުކުރުމަށް އެކޯޓުވަނީ ނުކުޅެދިފައެވެ.
އެމެރިކާގެ މަސްއޫލުވެރިންނާއި އިސްރާއީލުގެ މަސްއޫލުވެރިންގެ މައްޗަށްވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އެއްވެސް ވަރަކަށް ހަރަކާތްތެރިވާތަން ފެނިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)