13 Dec 2014, 22:09
އެއްވެ އުޅުމުގެ ގާނޫނާ ޚިލާފުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ނިންމައި 48 ގަޑިއިރުގެ ތެރޭގައި ދައުވާ ކުރަން ފޮނުވުމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އަންގަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިރޭ ވިދާޅުވީ ފުލުހުންނާ ބައްދަލު ކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލް އެ އެންގުން އަންގަވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.
އާރިފް ވިދާޅުވީ އެގޮތަށް ފުލުހުންނަށް އަންގާފައި ވަނީ އެއްވެ އުޅުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާތަންތަނުގެ ތެރޭގައި ފުލުހުންގެ އިދާރާ އާއި ސިފައިންގެ މައި އިދާރާ އާއި ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހާއި ޝަރުއީ ކޯޓުތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީސް ޖަލްސާ ކުރިއަށްދާ ވަގުތު މާދަމާ އެތަނުގެ ކުރިމަތީގައި މުޒާހަރާ ކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ. މަޖިލިސް ކުރިމައްޗަށް މުޒާހަރާ ކުރަން އެއްވުމަށް ޕިކަޕެއްގައި ގޮވަމުން ދިޔަ އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ދެ މީހުން ދުއްވި ޕިކަޕު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.