ޗާންދަނީ މަގުގެ ގެއެއްގެ މަތިން ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:20 އެހައިކަންހާއިރު ޗާންދަނީ މަގުގައި ހުރި ގެއެއްގެ މަތިން ވެއްޓި މަރުވެފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޗާނދަނީމަގުގައި ހުންނަ "ބޭރުމަތިގެ": އެމީހާ ވެެއްޓުނީ އެ އިމާރާތުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮފިޝަލް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވީ، މިއަދު އިމާރާތެއްގެ މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް ސިކުނޑި ނުކުމެފައިވާއިރު، މައިބަދައިން ވެސް ބިއްދައިގެން ގޮސްފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އިމާރާތެއްގެ މަތިން ވެއްޓި މަރުވެފައިވަނީ މއ. މޭރުމަތި، ނަދާލް ރަޝީދެވެ.