13 Dec 2014, 21:49
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދެންމެ ނިންމައިފި އެވެ.
ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުގެ އިއްތިފާގުން މިރޭ ނެރުނު ގަރާރުގައި ވަނީ ފަނޑިޔާރުންގެ ނިންމުންތަކަކީ، ވަކިކޮޅަކަށް ބުރަނުވެ، ތައައްސުބުން އެއްކިބާވެތިބެ، އަދުލުވެރިކަމާ އެކު ނިންމާ ނިންމުންތަކެއްކަމަށް ހެދުމަށް ޓަކައި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވޭނެ މަގުތައް ބަންދުކުރުމުގެ ގޮތުން ފަނޑިޔާރުކަމުގެ މަގާމުގެ ޔަގީންކަން ފަނޑިޔާރުންނަށް ދެވި، ފަނޑިޔާރުކަމުގެ މަގާމުން ފަނޑިޔާރަކު ވަކިކުރެވޭނެ ވަކި ގޮތްތަކެއް ކަނޑައެޅި ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ކަމަށެވެ. އަދި ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެކަން އެމާއްދާގެ (ހ)ގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ނަމަވެސް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ގަރާރަކީ އެ ކޯޓުގެ ހުކުމެއް ނޫނެވެ.
އެ ގަރާރުގައި ވަނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ތިން ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލާޒިމް ކުރުމަކީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ފަނޑިޔާރުކަމުގެ މަގާމު މުސްތަގިއްލު ކުރުމަށް ޓަކައި އެމަގާމަށް ދީފައިވާ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި އަދި ނުފޫޒުގައި ނުޖެހި މުސްތަޤިއްލުކަމާ އެކު މަސައްކަތް ކުރުމަށް ލިބިދީފައިވާ ރައްކާތެރިކަން ގެއްލިގެންދާކަމެއް ކަމަށެވެ.
އެ ގަރާރުގައި ސޮއިކުރައްވާފައި ވަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިން އާއި ގާޒީ އާއިޝާ ޝުޖޫން މުހައްމަދާއި ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ގާޒީ ހާތިފް ހިލްމީ އާއި ގާޒީ މަރްޔަމް ނިހާޔަތު އާއި ގާޒީ ހުސައިން މަޒީދު އާއި ގާޒީ ފަރުހާދު ރަޝީދެވެ.