މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭގެ ރައްޔިތުން ފެނުގެ ދަތިކަން އިހުސާސްކުރަން ޖެހުމުން، މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިން މަނަވަރުތަކަށް ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން ޒިޔާރަތްކުރައްވައިފިއެވެ.

ސަރުކާރު ކޯލިޝަންގެ މަޖިލިސް މެންބަރުން އެންމެ ފުރަތަމަ ޒިޔަރަތް ކުރެއްވީ އިންޑިއާގެ ނޭވީ ޝިޕް ދީޕަކްއަށެވެ. އައިއެންއެސް ދީޕަކަށް މެމްބަރުން ވަޑައިގަތުމާއެކު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާޖީވް ޝަހާރޭ އާއި މަނަވަރުގެ ކެޕްޓަންގެ އިތުރުން ފަޅުވެރިން ވަނީ އެބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

އިންޑިއާގެ މަނަވަރަށް ޒިޔާރަތް ކުރެއްވުމަށްފަހު މެންބަރުން ދެން ޒިޔާރަތްކުރެއްވީ މިމަހުގެ އަށްވަނަ ދުވަހު މާލެ އައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރު ޗަން ޝިންޑާއޯ އަށެވެ. އެ މަނަވަރުން މެންބަރުންނަށް މަރުހަބާ ވިދާޅުވެފައި ވަނީ އެ މަނަވަރުގެ ސީނިއާ ކެޕްޓަން އަދި މާލެއަށް ފެން ފޯރުކޮށްދިނުމަށް ކަނޑައެޅި މިޝަންގެ ކޮމާންޑިން އޮފިސަރު ތޮން ޒެންގެވެ.

ޗައިނާގެ މަނަވަރަށްފަހު މެންބަރުން ދެން ޒިޔާރަތްކުރެއްވީ، މިމަހުގެ 11 ވަނަ ދުވަހު މާލެ އައި ބަންގްލަދޭޝްގެ އަސްކަރީ މަނަވަރު "ބީއެންއެސް ސުމުންދުރާ" އަށެވެ. ބަންގްލަދޭޝްގެ މަނަވަރުން މެންބަރުންނަށް މަރުހަބާ ވިދާޅުވީ އެ މަނަވަރުގެ ކޮމާންޑިންގ އޮފިސަރު، ކެޕްޓަން ވާހިދު ހަސަން ކުތުބުއްދީނާއި ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް އޭއެސްއެމްއޭ އަވަލް އެވެ.

ތިން މަނަވަރަށްވެސް ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން މިއަދު ކުރެއްވި ޒިޔާރަތުގައި ކޮންމެ ގައުމަކުންވެސް ރާއްޖެއާ ދޭތެރޭ ބޭއްވެވި ގާތްކަމާއި ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާ ކުރެއްވި އެވެ. އަދި ރާއްޖެއާ އެ ގައުމުތަކާމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެ ގައުމުތަކުގެ ސަރުކާރުންނާއި ރާއްޖޭގެ ސަރުކާރުން ބޭނުންވާ ކަމަށް ފާހަގަކުރެއްވި އެވެ.