13 Dec 2014, 19:55
ފުޓު ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ ފ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ބަލިވުމުން، މަގޫދޫ ޒުވާނުންގެ ކްލަބް މުބާރާތުން ކަޓައިފިއެވެ.
މިއަދު ހަވީރު ކުޅުނު އެ މެޗުގައި މަގޫދޫ ޒުވާނުންގެ ކްލަބް ބައްދަލުކުރީ ދަރަނބޫދޫ ޒުވާނުންގެ ކްލަބާއެވެ. އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދަރަންބޫދޫ ޒުވާނުންގެ ކްލަބެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މަގޫދޫ ޓީމް މުބާރާތުން ކަޓާފައި ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެގެނެވެ.
މަގޫދޫ ޒުވާނުންގެ ކްލަބް ކުޅުނު ފުރަތަމަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު އެ ޓީމް ބައްދަލުކުރީ ބިލެއްދޫ ޒުވާނުންގެ ކްލަބާއެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިލެއްދޫ ޓީމުންނެވެ.
އެ މުބާރާތުގައި މިހާތަނަށް ހަތަރު މެޗެއް ކުޅެފައި ވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިލަންދޫ ޖަމިއްޔަތުއް ޝަބާބް އާއި ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީއެވެ. އެ މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ނިލަންދޫގެ ޖަމިއްޔަތުއް ޝަބާބް އެވެ. އަދި މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީއެވެ.
އެ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިލަންދޫގެ ޖަމިއްޔަތުއް ޝަބާބް އާއި ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމެވެ. އެ މެޗު ނިލަންދޫ ޓީމުން ކާމިޔާބުކޮށްފިނަމަ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން މުބާރާތާއި ވަކިވާން ޖެހޭނެއެވެ.
ފ. އަތޮޅުގެ ހަ ޓީމެއް ބައިވެރިވެފައިވާ އެ މުބާރާތް ކުރިއަށް ގެންދަނީ ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕްކަށް ބަހާލައިގެނެވެ. އެ މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނޭ ޓީމްތަކަކީ ނިލަންދޫ ޖަމިއްޔަތުއް ޝަބާބް އާއި ފީއަލި ޑިވަލޮޕްމަންޓް ސޮސައިޓީ އަދި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމެވެ. އަދި މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނޭ ޓީމްތަކަކީ މަގޫދޫ ޒުވާނުންގެ ކްލަބާއި ބިލެއްދޫ ޒުވާނުންގެ ކްލަބް އަދި ދަރަނބޫދޫ ޒުވާނުންގެ ކްލަބެވެ.