ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ކުރިއަށްދާ ވަގުތު އެތަނަށް އެއްވުމަށް ޕިކަޕެއްގައި ގޮވާލަމުން ދިޔަ އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެއްވެ އުޅުން މަނާތަކަށް އެއްވުމަށް ގޮވާލައި، އެކަމަށް ހިތްވަރުދިން ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިއަދު 4:45 އެހައިކަންހާއިރު ޖަނަވަރީމަގުން ކަމަށާއި އެ ދެ މީހުންނާއެކު އެމީހުން ބޭނުން ކުރަމުން ގެންދިޔަ ޕިކަޕު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާތީ އެކަމާ ދެކޮޅަށް މަޖިލީސް ކުރިމަތީގައި މާދަމާ މުޒާހަރާ ކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.