އަންކަރާ : މިސްރުގެ ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދެއްވުމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަން ތައްޔިބު އުރުދުޣާން ރައީސް ޙުސްނީ މުބާރަކަށް އިލްތިމާސް ކުރައްވައިފިއެވެ. މިއީ ރައްޔިތުން އެދޭގޮތަށް ވެރިކަން ދޫކޮށްލެއްވުމަށް ނުސީދާގޮތެއްގައި އުރުދުޣާން މުބާރަކަށް ކުރެއްވި ވަސިއްޔަތެއް ކަމަށް ތުރުކީގެ މީޑިޔާއިން ސިފަކުރެއެވެ.

މުބާރަކަށް ނަސީޙަތް ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއްގައި އުރުދުޣާން ވިދާޅުވީ އަހަރެމެން އެންމެންނަކީވެސް މަރުވާނެ ބައެއް ކަމަށާއި ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކާމެދު އަހަރެމެން މަރުވުމަށްފަހު ސުވާލުކުރެވޭނެ ކަން އަހަރެމެން މުސްލިމުން ހަނދާންކުރަންޖެހޭނެ ކަމުގައެވެ. ތުރުކީގެ ޓީވީ ގައި މުބާރަކަށް ނަސީޙަތް ދެއްވަމުން އުރުދުޣާން ވިދާޅުވީ އަހަރެމެން މަރުވުމަށްފަހު ވަޅުލާފައި އޮންނާނީ ދެ އަކަމީޓަރުގެ ތަންކޮޅެއްގެ ތެރޭގައިކަން ހަނދާންކުރަންޖެހޭނެ ކަމުގައެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި އުތުރިއަރަމުންދާ މިސްރުގެ ރައްޔިތުންގެ ޢަދަދު އިއްޔެވަނީ އަށް މިލިޔަނަށްވުރެވެސް އިތުރުވެފައެވެ. ނަމަވެސް މުބާރަކް ގެންދަވަނީ ހަރުކަށިކަން ދައްކަވައި ގޮތްދޫކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. މުބާރަކް ވެރިކަން ދެމިނޯންނާނެކަން އެމެރިކާއަށް ޔަގީންވުމުން އެމެރިކާގެ މަސްއޫލުވެރިންވަނީ ސުލްހަވެރިކަމާއެކު މިސްރުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލައްވާ ވާހަކަ ދައްކަވާފައެވެ. ނަމަވެސް މިއީ ޕަބްލިކް ރިލޭޝަން ގެބޭނުމުގައި އެމެރިކާ ދައްކާ ވާހަކަތަކެއް ކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. މުބާރަކްގެ ވެރިކަން ނިމެން މިހާރު މަދު ދުވަސްކޮޅަކަށް ވެއްޖެ ކަމަށާއި މިފަހަރު ރައްޔިތުންގެ ކިބައިން މުބާރަކް ސަލާމަތް ނުވާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެޤައުމުގެ ވަރަށް ގިނަކަންތައްތައްވަނީ ބޮއްސުންލާފައެެވެ. މިސްރުގައި ހަރަކާތްތެރިވާ ބޭރުގެ އިންވެސްޓަރުންނާއި ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ޑިޕްލޮމޭޓުންނާއި ކިޔަވާކުދިން ގެންދަނީ މިސްރުން ބޭރުވަމުންނެވެ. މިސްރުގެ ޖަލުތަކުން ކުށްވެރިން ފިލުމުގެ ސަބަބުން މުޅިޤައުމުވަނީ ނާމާންކަމާއި ލޫޓުވުމުގެ ޢަމަލުތައް ޢާންމުވެފައެވެ. ބޭންކްތަކާއި ޢާންމު ޚިދްމަތްތައްދޭ މުއައްސަސާތައްވަނީ ބަންދުކޮށްފައެވެ. –އަލްޖަޒީރާ، ނޫސްއެޖެންސީތައް