13 Dec 2014, 18:23
ސުނާމީ ކާރިސާގައި ގއ. މާމެންދޫން ވީރާނާވި ގެތަކުގެ ތެރެއިން 14 ގެއެއް ސިފައިންގެ މަސައްކަތުން އިމާރާތްކުރުމަށްފަހު އެ ގެތަކުގެ ވެރިންނާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ މިރޭ ސަން އަށް ވިދާޅުވީ ސުނާމީ ކާރިސާގައި ވީރާނާވި ގެތަކުގެ ތެރެއިން އިމާރާތް ކުރުމަށް ސަރުކާރުން އެމްއެންޑީއެފްއާ ހަވާލުކުރި ގެތަކުގެ ތެރެއިން 14 ގެއެއް ނިންމައި ހަވާލުކޮށްފައިވާއިރު، ބާކީ ނުނިމިހުރި 20 ގެއެއް ނިންމުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.
މި މަހުގެ 10 ވަނަ ދުވަހު މާމެންދޫގައި ގާއިމު ކޮށްފައިވާ އެމްއެންޑީއެފް އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ގެތަކުގެ ވެރިފަރާތްތަކާ ގޭގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.

ގެތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދާއި ގއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި މާމެންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
