13 Dec 2014, 16:54
އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން، ޗުއްޓީގައި ސަމާލުކަންދޭންވީ ކަންތައްތަކާ މެދު އިތުރަށް ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ޗައިނާ އެމްބަސީގެ ފަރާތުން މަސައްކަތް ފަށައިފި އެވެ.
ޗުއްޓީގައި ދިމާވެދާނެ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ޗައިނާ އެމްބަސީގެ ފަރާތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް މައުލޫމާތު ކާޑުތަކެއް އަންނަނީ ބަހަމުންނެވެ.
އެގޮތުން މި އަހަރުގެ ހައި ސީޒަނާ ދިމާކޮށް އެ އެމްބަސީގެ ފަރާތުން ވަނީ އެއް ލައްކައަށްވުރެ ގިނަ މައުލޫމާތު ކާޑު ޕްރިންޓް ކޮށް މިއަދު އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ޗައިނާ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޗައިނާގެ ފަތުރުވެރިން، ޗުއްޓީ ހޭދަކުރާއިރު ސަމާލުކަންދޭން ޖެހޭ އިތުރު ކަންތައްތައް ހިމަނައިގެން މިފަހަރު ތައްޔާރުކުރި އެ މައުލޫމާތު ކާޑުގައި މޫދުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަށް ބޮޑަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އަމިއްލަ ތަކެއްޗަށް ފަރުވާތެރި ވުމަށާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ރާއްޖޭގެ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް އެ ކާޑުގައި މައުލޫމާތު ދީފައިވެ އެވެ.
ޗައިނާ އެމްބަސީން ބުނީ، މި އަހަރުގެ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް ޗައިނާގެ ހަ ފަތުރުވެރިއަކު ގެބިގެން މަރުވެފައިވާ އިރު، އެ މައުލޫމާތު ކާޑުތަކުގެ ސަބަބުން ޗައިނާ ފަތުރުވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ދިމާވާ މައްސަލަތައް ވޭތުވެ ދިޔަ އަށް މަހު މަދުވެފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ޗައިނާގެ ފަތުރުވެރިންނަށް ބަހަން ހަވާލުކުރި އެ މައުލޫމާތު ކާޑުތައް އިމިގްރޭޝަން ކައުންޓަރުން ޕާސްޕޯޓްގައި ތައްގަނޑު ޖަހައި ނިންމާ ވަގުތުގައި އެ ފަތުރުވެރިއެއްގެ އަތަށް ދިނުމުގެ އިތުރުން އެއާޕޯޓް ތެރޭގައި ވެސް އެ ކާޑު ބެހައްޓާފައި ހުންނާނެ ކަމަށެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ އިރު، މިއަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޗައިނާ އިން 346071 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.