13 Dec 2014, 16:50
ސްރީލަންކާގެ ޗެސް ފެޑަރޭޗްނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފަސްވަނަ އޭޝިއަން ސީނިއާ އަދި އެމޭޗާ ޗެސް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިން ހަތަރު މެޑަލް ހޯދައިފިއެވެ.
އެ މުބާރާތުގެ ދެ ކެޓަގަރީ ކަމަށްވާ އެމޭޗާ ކެޓަގަރީ އާއި ސީނިއާ ކެޓަގަރީގެ ރިހި މެޑަލް ރާއްޖޭގެ ކުޅުންތެރިން ހޯދިއިރު، އެ ދެ ކެޓަގަރީގެ ލޯ މެޑަލްވެސް ހޯދީ ރާއްޖޭގެ ކުޅުންތެރިންނެވެ. އެގޮތުން އެ މުބާރާތުގެ އެމޭޗާ ކެޓަގަރީގެ ރިހި މެޑަލް ހޯދީ ނިހާޔާ އަހުމަދު އެވެ. އަދި މުބާރާތުގެ ސީނިއާ ކެޓަގަރީގެ 65 އަހަރުން މަތީގެ އުމުރު ފުރާއިން ރިހި މެޑަލް ހޯދީ އަހުމަދު ނައީމު އެވެ.
އެ މުބާރާތުގެ އެމޭޗާ ކެޓަގަރީގެ ލޯ މެޑަލް ހޯދީ އައިޝަތު ހިމްޔާ އިބްރާހިމް މުޖާހު އެވެ. އަދި މުބާރަތުގެ ސީނިއާ ކެޓަގަރީގެ 65 އަހަރުން މަތީގެ އުމުރުފުރާގެ ލޯ މެޑަލް ހޯދީ އަބްދުލް ޣަފޫރު މޫސާ އެވެ.
ސްރީލަންކާގެ ވަސްކަޑުވާގައި ބޭއްވި އެ މުބާރާތުގެ ދެ ކެޓަގަރީގައި ރާއްޖޭއިން މުޅިއަކު ނުވަ ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އެގޮތުން މުބާރާތުގެ އެމޭޗާ ކެޓަގަރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ތިން އަންހެން ކުޅުންތެރިންނާއި ފިރެހެން ކުޅުންތެރިއެކެވެ. އެއީ ނިހާޔާ އަހުމަދު އާއި އައިޝަތު ހިމްޔާ އިބްރާހިމް މުޖާހު އާއި ޒައުރާ އަބްދުﷲ އަދި އަބްދުއް ރަހްމާން އަލީ އެވެ.
އެ މުބާރާތުގެ ސީނިއާ ކެޓަގަރީގައި ރާއްޖެގެ ފަރާތުން ބައިވެރިވީ ފަސް ފިރެހެން ކުޅުންތެރިންނެވެ. އެއީ އަބްދުލް ޣަފޫރު މޫސާ އާއި އިބްރާހިމް އަބްދުﷲ އާއި ހުސައިން އަލީ އާއި އަހުމަދު ނައީމް އަދި ރާއްޖޭގެ ޗެސް ފެޑަރޭޝަންގެ ރައީސް ނޫހު އަލީ އެވެ.
މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މުބާރާތައްފަހު ކުޅުންތެރިން ރާއްޖެ އައިސްފައި ވަނީ ރޭގައެވެ. އެ ކުޅުންތެރިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ އާއި ޗެސް ފެޑަރޭޝަންގެ އިސް ބޭފުޅުން ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ އެ ކުޅުންތެރިންނާ ބައްދަލުކޮށް މަރުހަބާ ކިޔާފައެވެ.
މުޅި އޭޝިއާ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި މިފަހަރު ރާއްޖޭގެ އިތުރުން 10 ގައުމަކުން ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އެ މުބާރާތުގެ އެމޭޗާ ކެޓަގަރީގައި ބައިވެރިވުމުގެ ޝަރުތަކީ ފައިޑް (ވޯލްޑް ޗެސް ފެޑަރޭޝަން) ރޭންކިންގައި 2000 އަށްވުރެ މަތީ ރޭންކިންއެއް ލިބިފައި ނުވުމެވެ. އަދި މުބަރާތުގެ ސީނިއާ ކެޓަގަރީގައި ބައިވެރިވުމުގެ ޝަރުތަކީ 1963 ވަނަ އަހަރު، ނުވަތަ އެއަށް ވުރެ ކުރިން އުފަންވެފައި ވުމެވެ. ނުވަ ބުރަކަށް ބަހާލައިން ކުރިއަށް ގެންދިޔަ އެ މުބާރާތް ކުޅެފައި ވަނީ ފައިޑްގެ ގައިވައިދު ތަކާ އެއްގޮތަށެވެ.