13 Dec 2014, 16:40
އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯއަކާ ގުޅިގެން އިންގިރޭސި ވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން ލިވަޕޫލްގެ ފޮވާޑް މާރިއޯ ބަލެޓޮލީއާ ދެކޮޅަށް ކުރި ދައުވާ އޭނާ ގަބޫލުކޮށްފިއެވެ.
އިންސްޓަގްރާމްގައި ބަލެޓޮލީ ޕޯސްޓުކުރި ފޮޓޯއަކާ ގުޅިގެން އިންގިރޭސި އެފްއޭއިން އޭނާއާމެދު ދައުވާ ކޮށްފައި ވާއިރު، އެ ދައުވާއަށް އިޖާބަ ދިނުމަށް އެ އެސޯސިއޭޝަނުން އޭނާއަށް ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފައެވެ. ބަލެޓޮލީ ވަނީ އެ ދައުވާ ގަބޫލުކޮށް އެކަމުގެ އަދަބު ލުއިކޮށްދިނުމަށް އެދި އިންގިރޭސި އެފްއޭއަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީއާ ބެހޭ ގޮތުން ލިވަޕޫލުން ބުނީ އިނގިރޭސި އެފްއޭއަށް ބަލެޓޮލީ ލިޔުނު އެ ސިޓީގެ ސަބަބުން އޭނާ ސަސްޕެންޑް ކުރުމުގެ ބަދަލުގައި އެ އެސޯސިއޭޝަނުން އޭނާ ޖޫރިމަނާކުރަން ނިންމާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ބަލެޓޮލީ އިންސްޓަގްރާމްގައި ޕޯސްޓުކުރި އެ ފޮޓޯގައި ކަޅު ނަސްލުގެ މީހުންނާ ބެހޭގޮތުން ލިޔުންކޮޅެއް ލިޔެފައި ވާއިރު، ޔަހޫދީން ލާރިއަށް ދަހިވެތިވާކަމަށް އިޝާރާތްކޮށްވެސް ލިޔުންކޮޅެއް ލިޔަފައި ވެއެވެ. އެކަމާ ގުޅިގެން އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ އެ ފޮޓޯއަކީ އެ އެސޯސިއޭޝަންގެ 'އީ ތިނެއް' ގަވައިދުގެ އެއްވަނަ ނުކުތާއާ ޚިލާފުވާ ފޮޓޯއެއް ކަމަށާއި، އެ ފޮޓޯ ބެލެވެނީ ނަސްލީގޮތުންނާއި ދީނީ ގޮތުން ތަފާތުކުރަނިވި ފޮޓޯއެއް ކަމަށެވެ.
އިންސްޓަގްރާމްގައި ބަލެޓޮލީ ޕޯސްޓުކުރި އެ ފޮޓޯއާ ގުޅިގެން އޭނައަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވިއިރު، އޭނާ ފުރަތަމަ ބުނަމުން އައީ އެ ޕޯސްޓަކީ ނަސްލިގޮތުންނާއި ދީނީ ގޮތުން ތާފާތުކުރަނިވި ފޮޓޯއެއް ނޫން ކަމަށެވެ. ނަމަވެސް އެއްއަށް ފަހު އޭނަ ވަނީ އެ ފޮޓޯ ޕޯސްޓު ކުރެވުނީތީ މައާފަށް އެދި މެސެޖުތަކެއް ފޮނުވާފައެވެ.
ލިވަޕޫލްގެ ސްޓްރައިކަރެއްގެ ގޮތުގައި ކުޅެމުން އަންނަ ބަލެޓޮލީ އަށް އެ ޓީމް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރޭގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ލަނޑެވެ. ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި އޭނާގެ އުޅުން ބަހައްޓަމުން އަންނަ ގޮތާމެދު ގިނަ ފާޑު ކިޔުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ބަލެޓޮލީ އަށް ވަނީ، ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އެ ޓީމް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ކުޅެވޭގޮތް ނުވެފައެވެ.