13 Dec 2014, 16:07
ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައި ޗައިނާގެ އާއިލާއަކުން ރާއްޖެ އަށް 10 ކޭސް ފެން ހަދިޔާކޮށްފި އެވެ.
މެގަ މޯލްޑިވްސްގެ ފްލައިޓަކުން މިއަދު މެންދުރު ރާއްޖެ އައި ޗައިނާގެ ދެމަފިރިއަކާއި އެ ދެމީހުންގެ އަންހެން ދަރިފުޅު ރާއްޖެ އަށް ހަދިޔާކުރުމަށް ގެނައި އެ ފެން ކޭސްތައް ހަދިޔާ ކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.
ފެން ކޭސްތައް ހަދިޔާކުރުމަށް ފަހު އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން ވެއި ބުނީ، މާލެއަށް ފެން ހަދިޔާކުރަން ބޭނުންވީ ޓުއަރިސްޓެއްގެ ހައިސިއްޔަތުން މާލޭގެ ރައްޔިތުންނަށް އެހީވާން ބޭނުންވާތީ ކަމަށެވެ.

ޗައިނާގެ އާއިލާއިން މިއަދު ރާއްޖެ އަށް ހަދިޔާކުރި އެ ފެން ކޭސްތައް ހަވާލުކުރީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އަށެވެ. އަދި އެމްބަސީގެ ފަރާތުން ވަނީ އިމިގްރޭޝަންގެ ފަރާތުން ޗައިނާގެ ފަތުރުވެރިންނަށް ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެ ފެން ކޭސްތައް އިމިގްރޭޝަނާ ހަވާލުކޮށްދީފަ އެވެ.
އިމިގްރޭޝަންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ޗީފް ސުޕްރިޑެންޓް ޒުބައިރު މުހައްމަދު ވިދާޅުވީ، އިމިގްރޭޝަނަށް ޗައިނާގެ ފަރާތުން ފެން ހަދިޔާކޮށްދިނުމަކީ ޗައިނާގެ ފަތުރުވެރިންނަށް އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ބަލައިގަތް ކަމުގެ ހެއްކެއް ކަމަށެވެ.
އެހެންކަމުން ޗައިނާގެ ސަރުކާރަށާއި ޗައިނާގެ އެމްބަސީއަށް ޝުކުރުއަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.