13 Dec 2014, 16:04
ކުޑަކަމުދާ ތަކެތި ތަހުލީލު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެެއްކާ ވެސް ނޭޝަނަލް ޑްރަގް އެސެންޖީން އިއުލާންކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 161 ވަނަ މާއްދާގައިވާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި އެ ސާމްޕަލް ދެ ބަޔަކަށް ބަހައި، ދެވަނަ ބައިގެ ޓެސްޓް ކުރުމަކީ ނޭޝަނަލް ޑްރަގް އެޖެންސީން ހުއްދަ ކުރާ އިދާރާ އަކުން ކުރަން ޖެހޭ ކަމެކެވެ.
އެންޑީއޭ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ފުލުހުން އެ އެޖެންސީ އަށް ހުށަހަޅާ ކުޑަކަމުދާތަކެތި ފަސް އަހަރު ދުވަސް ވަންދެއް ތަހުލީލު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު ހުޅުވާލި ފުރުސަތުގައި ޝައުގުވެރިންކަން ފާޅުކޮށްފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު މާ ބޮޑު ކަަމަށެވެ. އެހެންކަމުން ކުރިން ކޮށްފައިވާ އިއުލާން ބާތިލް ކުރުމަށް ފަހު އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯޓްރީތަކަށް ހުޅުވާލާފައިވާ މި ފުރުސަތުގައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގ. ގްރީންގެ އަށް މިމަހުގެ 18 މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24ގައި ކަމަށް އެ އެޖެންސީން ބުންޏެވެ.