ހުވަދޫ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 'ހުވަދޫ ރެކްރިއޭޝަން ތިނަދޫ ޗެލެންޖް ކަޕް 2014' ގެ ފުރަތަމަ މެޗު ބަރާސިލާ ކާމިޔާބު ކޮށްފިއެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ބަރާސިލާ އާއި ހެއްޔާނބޯ އެވެ. އެ މެޗު ބަރާސިލާ ކަމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ބަރާސިލާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމްގެ އަހްމަދު މުއާޒު އެވެ. މެޗުގެ ދެވަނަ ހާފް ފެށުމާއެކު ބަރާސިލާ ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އެ ލަނޑު ބަރާސިލާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމްގެ ޝާފިއު އަހްމަދު އެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަރާސިލާގެ މުހައްމަދު އިރުފާނު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފަރާތަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެ މެޗުގެ ޝަރަފްވެރި މެހެމާނު އަދި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ.

އެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ސެންޓަރ ފޮކްސް އާއި ހޯބަހަކުން އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގައި މިފަހަރު ގދ. ތިނަދޫގެ ފަސް ޓީމެއް ބައިވެރި ވެފައި ވެއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ގެންދަން ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ހަތަރު މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.

ހުވަދޫ އަތޮޅަށް ހުޅުވާލައިން ކުރިއަށް ގެންދާ ތިނަދޫ ޗެލެންޖް ކަޕަކީ އެ އަތޮޅުގެ އެންމެ އަގުބޮޑު އެއް މުބާރާތެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް މުޅިއަކު 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައި ވާއިރު، މުބާރާތުގެ ދެވަނަ ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ވަނީ 50،000 ރުފިޔާ ދޭން ހަމަޖެހިފައެވެ.