ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރިޝްވަތު ހިއްޕަވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތްﷲ ގަންދީ ހުވާކުރައްވައިގެން ތިއްބަވައި މަޖިލީހުގެ ބައެއް މެމްބަރުން ރިޝްވަތު ހިއްޕަވާ ކަމީ މުޅި ދިވެހި ގައުމަށް ހުރި އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ.



ރިޝަވަތު ހިއްޕަވަނީ ކޮން ޕާޓީއަކަށް ނިސްބަތްވާ، ކޮން މެމްބަރުންނެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅެއްވުމުން ނަޝީދު ފާޅުކިޔުއްވުންތައް އަމާޒުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ތާއީދު ކުރައްވައި ޝަރީފް އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވާހަކަދައްކަވާފައި ވާތީ އެމްޑީޕީން ވަނީ އެކަމާ ދެކޮޅުހަދާފަ އެވެ. އެމްޑީޕީން ބުނެފައި ވަނީ ޕާޓީގެ ވިޕްލައިނާ ޚިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ ޕާޓީން ވޯޓު ދޭންވީ ގޮތަކީ އެއީ ލީޑަރަކަށް ހުންނަވާ ބޭފުޅަކު އަމިއްލަ އަށް ބޭނުންފުޅުވާ ގޮތަށް ވާން ނުޖެހޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުގެ ދިފާއުގައި ނަޝީދު މިހާރު ވާހަކަ ދައްކަވާ އިރު، މި އަހަރުގެ ކުރީ ކޮޅު ނަޝީދު ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު އިސްވެ ހުންނަވައިގެން "ވޯޓަށް އަރައިގަންނަ" ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަކީ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެ މަނިކުފާނަށް ރަނގަޅަށް އިނގިރޭސި ބަސް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ފާއިޒަށް މަލާމާތް ވެސް ކުރައްވައިފަ އެވެ.