13 Dec 2014, 14:50
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި ސާބިތުނުހިފޭ ދޮގު ބަދުނާމު ނޭޅުއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިލްތިމާސް ކުރައްވައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ޝަރީއަތަށް ސާބިތުނުހިފޭ ދޮގު ބަދުނާމު މީހުންގެ ބޮލުގައި އެޅުވުމަކީ އެމްޑީޕީގެ އުސޫލެއް ނޫން ކަމަށެވެ.
މަޖިލީހުގެ މެމްބަރުން ރިޝްވަތު ހިއްޕަވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓާ ގުޅޭ ގޮތުން މޫސަ ވިދާޅުވީ މަޖިލީހުގެ މެމްބަރަކު އޭނާގެ ގާނޫނީ ވާޖިބު އަދާކުރުމަށް ޓަކައި ގާނޫނު އަސާސީ ބުނާ މިންގަނޑުގެ ތެރެއިން އޭނައަށް ފެންނަ ގޮތަކަށް އަމަލު ކުރުމަކީ އެއީ އެއްވެސް މީހަކަށް އެއަށް ފާޑުކިޔޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން މެމްބަރުން ރިޝްވަތު ހިއްޕެވި ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ފޮރުވިފައިވާ ސިއްރުތަކެއް އޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެމްޑީޕީގެ ވެރިންނަކަށް ވެސް ޕީޕީއެމްގެ ވެރިންނަކަށް ވެސް އަދި ޖުމްހޫރީ ޕާޓީގެ ވެރިންނަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާގެ ގާނޫނި ވާޖިބު އަދާކުރުމަށްޓަކައި ގާނޫނު އަސާސީ ބުނާ މިންގަނޑުގެ ތެރެއިން އޭނައަށް ފެންނަ ގޮތަކަށް އަމަލު ކުރުމަކީ އެއީ އެއްވެސް މީހަކަށް އެއަށް ފާޑުކިޔޭނެ އެއްޗެއް ނޫން. އެހެންވީމަ އެކަމާ ގުޅިގެން ރިޝްވަތު ކެއީއޭ އަނެކައްޗެއް ކެއީއޭ ކިޔައިގެން މީހުންގެ ތެރޭގައި ބަދުނާމުކުރުމުގެ ބޭނުމަކީ ފޮރުވިފައިވާ ސިއްރުތަކެއް މީގެތެރޭގައި އެބައޮތް،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެމްޑީޕީން އާދޭސްކުރަމުން ދިޔައިރު "އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އަކީ ގާނޫނު އަސާސީގެ ރޫހު ކަނޑުވާލި އެކަކު" ކަމަށެވެ. އެހެންކަމުން ފާއިޒުގެ ދިފާއުގައި އޭނާ ނުކުމެވަޑައިނުގަންނަވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"ފާއިޒުގެ ދިފާއުގައި ނުކުންނަން އަޅުގަނޑު ނުދާތީ އެ މައްސަލާގައި އަޅުގަނޑާ ދިމާލަށް އެއްވެސް ބަޔަކު އެއްވެސް އެއްޗެއް ކިޔަކަސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަކީ ރައްޔިތުންގެ މަޖިލީހުން އުފެއްދި ތަނެއް ކަމަށާއި އެތަނުގެ ބެންޗު ކުޑަކުރުމާއި ބޮޑު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ސުޕްރީމް ކޯޓު ކުޑަކުރުމަކީ. ކުޑަވެސް ކުރެވޭނެ ބޮޑުވެސް ކުރެވޭނެ،" މޫސަ ވިދާޅުވި އެވެ.