ރެޑްބުލް ވިނިންގެ ފައިވް މުބާރާތުގައި މާލެ ސަރަހައްދުގައި ބޭއްވި ކޮލިފިކޭޝަން ބުރުގެ ޗެންޕިއަންކަން ޓީންއޭޖް ޖޫނިއާސް ހޯދައިފިއެވެ.

ރެޑްބުލް ވިނިންގް ފައިވްގެ މާލެ ކޮލިފިކޭޝަން ޓީންއޭޖް ޖޫނިއާސް ކާމިޔާބު ކުރީ އިއްޔެ ހަވީރު އެލްޕީ ސްޕޯޓްސްއާ ބައްދަލުކުރި އެ ބުރުގެ ފައިނަލް މެޗު ކާމިޔާބުކޮށްގެނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އެ މެޗުގެ ނަތީޖާ ކަނޑައަޅާފައި ވަނީ ޕެނަލްޓީންނެވެ. އެ ކާމިޔާބީއާއެކު ޓީންއޭޖް ޖޫނިއާސް ވަނީ މުބާރާތުގެ ގައުމީ ފައިނަލަށް މާލެ ސަރަހައްދުގެ އެއްވަނަ ޓީމްގެ ގޮތުގައި ދަތުރު ކޮށްފައެވެ. އަދި މުބާރާތުގެ ދެވަނަ ޓީމުގެ ގޮތުގައި އެލްޕީ ސްޕޯޓްސްވެސް ވަނީ ގައުމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެންޕިއަން ޓީމަށް ޝީލްޑް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ނާޝިދު އެވެ. އެ މުބާރާތުގެ މާލެ ސަރަހައްދުގެ ކޮލިފައިންގައި މުޅިއަކު 84 ޓީމް ބައިވެރިވިއިރު، މާލެ ސަރަހައްދުގެ ކޮލިފައިންގް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރެޑްބުލް ވިނިންގް ފައިވްގެ ކޮލިފިކޭޝަން ބުރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސްފައި ވާއިރު، އެ މުބާރާތް އިންތިޒާމް ކުރެވިފައި ވާގޮތުން މުބާރާތުގެ ގައުމީ ފައިނަލަށް ދަތުރުކުރާނީ އެ ސަރަހައްދުތަކުގައި ކުޅެވޭ ކޮލިފައިން ބުރުތަކުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމެވެ. މިއަހަރުގެ ރެޑްބުލް ވިނިންގް ފައިވްގެ ކޮލިފިކޭޝަން ބުރުތައް ވަނީ ރާއްޖޭގެ ހަ ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައެވެ. އެއީ އައްޑޫ ސިޓީގެ މަރަދޫފޭދޫ އާއި ޏ. ފުވައްމުލަކާއި ގއ. އަތޮޅު ވިލިނގިއްޔާއި ގދ.ތިނަދޫ އާއި ލ. ގަން އަދި މާލެ އަތޮޅެވެ.

އެ މުބާރާތުގައި އައްޑޫ ސިޓީ ކޮލިފިކޭޝަންގެ ޗެންޕިއަންކަން ހޯދައި، އެ ސަރަހައްދުން ގައުމީ ފައިނަލަށް ދަތުރުކުރީ ފްރެންޑްސް ކްލަބެވެ. އަދި އެ ސަރަހައްދުގެ ރަނަރަޕް ޓީމަކަށް ހޮވުނީ އެފްސީ ޗިޕޮލޮގޯ އެވެ. ފުވައްމިލަކު ކޮލިފައިން ބުރުގެ ޗެންޕިއަންކަން ހޯދައި ގައުމީ ފައިނަލަށް ޓީމް ހައި ފައިވް ދަތުރު ކޮށްފައި ވާއިރު، އެ ސަރަހައްދުގެ ރަނަރަޕް ޓީމެއްގެ ގޮތުގައި ގައުމީ ފައިނަލަށް ދަތުރުކުރީ ޓީމް ފައިވް ސްޓާ އެވެ. ގދ. އަތޮޅުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމެއްގެ ގޮތުގައި ގައުމީ ފައިނަލަށް ދަތުރުކުރި ޓީމްތަކަކީ ޓަކާޓާ އާއި ބުލް ފައިވް އެވެ.

އެ މުބާރާތުގައި ގއ. އަތޮޅުން ގައުމީ ފައިނަލަށް ދަތުރުކުރި ޓީމްތަކަކީ އެ ސަރަހައްދުގެ ޗެންޕިއަން ޖަންގަލް ސްޕޯޓްސް ކްލަބާއި ރަނަރަޕް އެފްސީ ބަފާނާ އެވެ. އަދި ލ. އަތޮޅު ކޮލިފައިން ބުރުގައި ގައުމީ ފައިނަލުން ޖާގަ ހޯދީ އެ ސަރަހައްދުގެ ޗެންޕިއަން ކަންމައްޗާއި ރަނަރަޕް ގޯޅި އެވެ.

މި 12 ޓީމާއެކު މުބާރާތުގެ ގައުމީ ފައިނަލް ފަށަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. އެ މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ މާލޭގެ ހެންވޭރު ސްޓޭޑިއަމްގައެވެ.

ފުޓްބޯޅަޔާ އެއްގޮތްސިފަތަކެއް ހުންނަ އެ ކުޅިވަރުގައި ކޮންމެ ޓީމެއްގައިވެސް ހިމެނެނީ ފަސް ކުޅުންތެރިންނެވެ. އެ ކުޅިވަރުގެ މެޗުތައް 10 މިނެޓަށް ކުޅެވޭ އިރު، އެ ވަގުތު ހަމަވުމުން ނަތީޖާ ހަމަހަމަވެފައި ވާނަމަ، މެޗުގެ ނަތީޖާ ނެރެރީ ޕެނަލްޓީން ނެވެ. މެޗުގައި ޓީމަކުން ލަނޑެއް ކާމިޔާބު ކުރުމުން އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ދަނޑުން ފައިބަން ޖެހެއެވެ. އަދި މި ކުޅިވަރުގައި ޕެނަލްޓީ އަކީ އިދިކޮޅު ދެ ޓީމުން އިހުތިޔާރުކުރާ ދެ ކުޅުންތެރިންގެ މެދުގައި ކުޅެވެ 30 ސިކުންތުގެ މެޗެކެވެ.