މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން ސަރުކާރުން ދޫކުރި ޕްލާސްޓިކް ފުޅިތައް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.

ސްކައުޓް އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދުޅަހެޔޮ ސިއްހަތަކަށް ސާފު ތިމާވެއްޓެއް" ގެ ޝިއާރުގެ ދަށުން ހިންގާ ޕްލާސްޓިކް ފުޅިތައް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓަކީ އެ އެސޯސިއޭޝަނާއި އެމްއެންޑީއެފް އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި އެސްޓިއޯ ގުޅިގެން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

އެބަޔާނުގައި ބުނީ މާލޭގެ ގޭބީސިގައި ބޭނުންކޮށްފައިވާ ޕްލާސްޓިކް ހުސްފުޅިތައް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ފުޅި ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކުނިކޮށްޓަށް ފުޅިތައް އުކާލުމުގެ ބަދަލުގައި ފުޅި ބަލައިގަތުމަށް ނިންމާފައިވާ ސަރަހައްދުތަކަށް ފުޅިތައް ގެންދިއުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

އެގޮތުން ފުޅިބަލައިގަތުމަށް ހަމަޖެހިފައިވަނީ ކާނިވަލުގެ މައި ދޮރޯށި ކުރިމައްޗާއި ވެލާނާގެ ޕާކިން ޒޯނާއި އަރަބިއްޔާއި ސްކޫލާއި ކަލާފާނު ސްކޫލާއި ގަލޮޅު ސްޓޭޑިއަމްގެ އޮލިމްޕަސް ކުރިމަތީ ގޭޓުންނެވެ. އަދި މީޑިއާ ކައުންސިލް ކުރިމަތިން ވެސް ފުޅިބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ޖަމާލުއްދީން ސްކޫލް ކުރިމަތިންނާއި ކާމިނީ ޝޮޕިން ކޮމްޕްލެކްސްގެ އިރަށް އޮންނަ ހުސްބިމާއި ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮންނަ ޕާކާއި މަޖީދީމަގު ހުޅަނގުކޮޅާއި ނަލަހިޔާ ކުރިމަތީ އޮންނަ ބަސްހުއްޓީގެ އިތުރުން މ.ބޮޑުގެ ކައިރި މާފަންނު ބިސް ބުރު ސަރަހައްދުން ވެސް ފުޅި ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިއުއެސްސީ ގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފެނުގެ ދަތިކަން އިހުސާސް ކުރަން ޖެހުމުން ރާއްޖެއާއި ރާއްޖޭން ބޭރުން އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފެން ފުޅި ވަނީ ބަހާފަ އެވެ.