އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފާ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުން މިއަދު އާންމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މާދަމާގެ ޖަލްސާގައި އޮންނާނީ އެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް އެކަންޏެވެ. އެ ދެ ބޭފުޅުން ވަކިކުރަން ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ބޭނުންވާނެ އެވެ.

ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ތިރިކުރަންޖެހެއެވެ. އެކަން ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނނޑިޔާރުންގެ ތެރެއިން މަގާމުން ވަކިކުރަން ބޭނުންވާ ދެ ފަނޑިޔާރަކު ކަނޑައެޅުމަށްފަހު ޖޭއެސްސީން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ވެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ފަނޑިޔާރުކުރަން މަޖިލީހަށް ހުށަހަޅަން ވަނީ ފާސްކޮށްފަ އެވެ.

ފާއިޒާއި މުއުތަސިމް ވަކިކުރުމާ ދެކޮޅަށް އެމްޑީޕީން ވަނީ ވޯޓު ދޭން ނިންމައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީ އިން މިކަމާ ބެހޭގޮތުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ވަކިކޮށްފި ނަމަ ސުޕްރީމް ކޯޓުގައި ދެން ތިއްބަވާނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.