13 Dec 2014, 12:35
ސްޕެނިޝް ލަލީގާގައި އަލްމީރިއާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް، ތާވަލްގެ އެއްވަނައިގައި ރެއާލް ލީޑު ފުޅާކޮށްލައިފިއެވެ.
އަލްމީރިއާގެ ހޯމް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗު ރެއާލް ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ނަތީޖާއާއެކު ތާވަލްގެ ދެވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ރެއާލް ފަސް ޕޮއިންޓަށް ފުޅާކޮށްލާފައި ވާއިރު، ލަލީގާގައި މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން އެއީ އެ ޓީމް ކާމިޔާބުކުރި 13 ވަނަ މެޗެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ނެގީ ރެއާލް އެވެ. މެޗުގެ 34 މިނެޓުގައި އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ އިސްކޯ އެވެ. އޭގެ ފަސް މިނެޓުފަހުން އަލްމީރިއާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވާއިރު، މެޗުގައި އަލްމީރިއާއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 39 ވަނަ މިނެޓުގައި އެ ޓީމްގެ ވެރްޒާ އެވެ. ނަމަވެސް މެޗުގެ 42 ވަނަ މިނެޓުގައި ރެއާލް ވަނީ އަނެއްކާވެސް މެޗުގެ ލީޑު ނަގާފައެވެ. މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ގެރެތް ބޭލް އެވެ.
ދެވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަ ކުރަން އަލްމީރިއާއަށް ވަނީ މެޗުގެ ދެވަނަ ހާފްގައި ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ރެއާލްގެ މާސެލޯ އަލްމީރިއާގެ މެންޑޭޒްއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އަލްމީރިއާއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ވެރްޒާ ޖެހި އެ ޕެނަލްޓީ ރެއަލްގެ ކީޕަރު އައިކާ ކެސިލަސް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްދީ، ރެއާލްއަށް މެޗު ކަށަވަރު ކޮށްދިނީ މެޗުގެ ފަހު 10 މިނެޓުގައި އެ ޓީމްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗުގައި ރެއާލްގެ ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިންއިރު، މެޗުގައި ރެއާލްގެ އެންމެ ފަހު ލަނޑު އެ ޓީމަށް އޭނާ ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައެވެ.
ރޭގެ ކާމިޔާބީއާއެކު ރެއާލް ވަނީ މުޅި ދުނިޔޭގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ކާމިޔާބުކުރި ޓީމް ކަމަށްވާ ބްރެޒިލްގެ ކުއަރިޓިބާގެ ރެކޯޑާ ހަތަރު މެޗު ގާތަށް ޖެހިލާފައެވެ. 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުން މޭ މަހަށް އެ ޓީމް ޖެހިޖެހިގެން 24 މެޗު ކާމިޔާބު ކޮށްފައި ވާއިރު، ރޭގެ މެޗަކީ ޖެހިޖެހިގެން ރެއާލް ކާމިޔާބުކުރި އެ ޓީމްގެ 20 ވަނަ މެޗެވެ.