13 Dec 2014, 12:12
ދިވެހި ސަރުކާރު މުވައްޒަފުންނަށް ހިލޭ ނުވަތަ ހާއްސަ ޑިސްކައުންޓް ރޭޓެއްގެ ދަށުން އިންޑިއާ އަށް ދެވޭނެ، ޓްރެވަލް ކޮންސެޝަން (އެލްއެލްސީ) ސުކީމެއް ތައާރަފްކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި މި ސުކީމަކީ ރާއްޖެ އާއި ސްރީލަންކާ އާއި ބޫޓާން އަދި ނޭޕާލުގެ ސަރުކާރުގެ މުވައްޒަފުންނަށް ތައާރަފްކުރުމަށް އިންޑިއާގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ސުކީމެކެވެ.
އެ ސުކީމަކީ މި ސަރަހައްދުގެ ގައުމުތަކުން އިންޑިއާ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރު ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމުގައި ވެސް ބުނެފައިވެ އެވެ.
"ވިހި ލައްކަ މުވައްޒަފުންނަށް އެލްޓީސީ ސުކީމް ތައާރަފްކުުރުމުން ސާކް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ. އެހެންނަމަވެސް މިކަން ކުރެވޭނީ އެ ގައުމުތަކުގެ މެދުގައި އެއްބަސްވުންތަކެއް ވެވިގެން، އެ މަސައްކަތްތައް މިހާރު ކުރިއަށް މިގެންދަނީ،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
މި ސުކީމަކީ އިންޑިއާގެ އިރު އުތުރު ސްޓޭޓްތަކަށާއި ކަސްމީރަށް ދާން ބޭނުންވާ ސަރުކާރު މުވައްޒަަފުންނަށް އެ ގައުމުގެ ސަރުކާރުން ތައާރަފްކޮށްފައިވާ ސުކީމްގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށް ގަސްދުކޮށްފައިވާ ސުކީމެކެވެ. މި ސްކީމްގެ ދަށުން ދަތުރުކުރެވޭނެ ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާ އިރު އަހަރަކު އެމީހަކަށް އެގައުމަށް ހިލޭ ދަތުރު ކުރެވޭނެ އަދަދާއި ޓިކެޓް ނަގަން ޖެހޭނެ އެއާލައިންތަކާއި ދަތުރު ކުރަން ބޭނުންވާ ސަބަބު ބަޔާން ކުރަންޖެހެ އެވެ. ނަމަވެސް އެމީހެއްގެ ކެއުމާއި ހުރުމުގެ ހަރަދެއް މި ސުކީމްގެ ދަށުން ކަވަރެއް ނުކުރެ އެވެ.
އިންޑިއާ އިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އެ ހަަތަރު ގައުމުން އެގައުމަށް މިދިޔަ އަހަރު ޒިޔާރަތް ކުރި މީހުންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ދަށަށް ގޮސްފައިވާތީ އެވެ.