13 Dec 2014, 11:43
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ގެއްލިފައި ވަނީ 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒާހިދު ވިދާޅުވީ، އެ ސެންޓަރުން މީހަކު ގެއްލިފައިވާ ކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ، ސ. ހިތަދޫ، ވެސްޓްބީޗު، އަހުމަދު މިޝްފާގު ކަމަށެވެ.
"ރޭ މީހަކު ގެއްލިފައިވާ ކަން އިނގުނީ ނަރުހުން ބޭސްކާން ދޭން ދިޔައިރު ނެތުމުން. ރޭ ހަތަރުދަމު މިނިސްޓްރީގެ ސްޓާފުންނާއި ރަށު ރައްޔިތުން ގުޅިގެން ބަލަމުން މިދަނީ. އަދި މޫދުގެ ސަރަހައްދު ބެލުމަށް ކޯސްޓް ގާޑުން ވެސް އެބަ ހަރަކާތްތެރިވޭ،" ޒާހިދު ވިދާޅުވި އެވެ.