ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރަން ގަސްދު ނުކުރާކަމަށާއި، އަދިވެސް އެތައް އަހަރުތަކެއް ވަންދެން ރަނގަޅު ފެންވަރެއްގައި ކުޅެވިދާނެކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ސްޓްރައިކަރު ރޮބިން ވެން ޕާސީ ބުނެފިއެވެ.

އުމުރުން 31 އަހަރު ވެފައިވާ ވެން ޕާސީ ބުނީ އުމުރަކީ އޭނާއަށް ބޮޑު ކަމެއް ނޫން ކަމަށާއި، އެންމެ މަތީ ފެންވަރުގައި އަދިވެސް އެތައް އަހަރެއް ވަންދެން ކުޅެވިދާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި އުމުރުން ދުވަސްވާވަރަކަށް އޭނާގެ ކުޅުން ދަށްވަމުން ދާކަން އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ވެން ޕާސީ ބުންޏެވެ.

" 30 ނުވަތަ 31 އަހަރު ވެފައިވާ ކުޅުންތެރިއަކަށް ރަނގަޅު ކުޅުމެއް ނުދެއްކޭ ދުވަސްކޮޅެއްގައި ގިނަ މީހުން ބުނާނީ އޭނާގެ ކުޅުމުގެ ފެންވަރު ދަށްވަނީ އޭނާގެ އުމުރުގެ ސަބަބުން ކަމަށް. ނަމަވެސް އެއީ ވަރަށް އާދަޔާ ޚިލާފު ވާހަކައެއް. އުމުރަކީ އަހަންނަށް ބޮޑު ކަމަކަށް ނުވޭ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް އަދިވެސް ގިނަ އަހަރުތަކެއް ވަންދެން އެންމެ މަތީ ފެންވަރުގައި ކުޅެވިދާނެ،" ވެން ޕާސީ ބުންޏެވެ.

މިފަހަރުގެ ސީސަންގެ ފެށުން ރަނގަޅުކުރެވިފައި ނުވާ ވެން ޕާސީ ވަނީ ޔުނައިޓެޑް ކުޅުނު އެންމެ ފަހު ތިން މެޗުގައިވެސް އެ ޓީމަށް ލަނޑު ޖަހައިދީފައެވެ. އަދި ސައުތޭމްޕްޓަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު އެންމެ ފަހު މެޗުގައި ޔުނައިޓެޑަށް ކާމިޔާބު ކުރެވުނު ދެ ލަނޑުވެސް ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ތިންވަނަ މަގާމް ހޯދުމަށް އޭނާ ވަނީ އެ ޓީމަށް އެހީތެރިވެދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ދެވަނަ މަގާމް 2011-2012 ގެ ސީޒަންގައި ހޯދައި، 2012-2013 ގެ ސީޒަންގެ ޗެންޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓަޑަށް މި ސީޒަންގެ ފެށުން ވަނީ ރަނގަޅު ކުރެވޭގޮތް ނުވެފައެވެ. މިފަހަރުގެ ސީސަންގެ ފުރަތަމަ މެޗުން ބަލިވެ ދެވަނަ އަދި ތިން ވަނަ މެޗުން އެއްވަރުވި ޔުނައިޓަޑް ވަނީ ސީސަންގެ މިހާތަނަށް އައި އިރު ކުޅުން ރަނގަޅުކޮށް ކާމިޔާބީތަކެއް ހޯދަން ފަށާފައެވެ. ނަމަވެސް އެ ޓީމް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ލިވަޕޫލާ ބައްދަލުކުރާއިރު، އެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް ޔުނައިޓަޑްގެ ކޯޗް ވެން ހާލް ވަނީ ބުނެފައެވެ.

"ލީގު ތާވަލްގެ ދަށް މަގާމުތަކުގައި އުޅޭ ޓީމްތަކާ ވާދަކުރާ މެޗުތަކަކީ އަބަދުވެސް އުނދަގޫ މެޗުތަކެއް. އެއީ މި ޕްރިމިއާ ލީގުގައި ކާމިޔާބީ ހޯދަން އުނދަގޫވާ އެއް ސަބަބު. ލިވާޕޫލަށް މިހާރު ކުރިމަތިވަމުންދާ ނާކާމިޔާބީ ތަކަކީ އެ ޓީމްގެ ނަސީބު ދެރަކަމުން ދިމާވި ކަމެއް. އެ ނާކާމިޔާބީ އަނބުރާލަން އެ ޓީމް މަސައްކަތް ކުރާނެ،" ވެން ހާލް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު މާދަމާ ރޭ ކުޅެން ހަމަޖެހިފައި ވާއިރު، ބަދުނަސީބު ލިވަޕޫލަށް އެ ޓީމް ކުޅުނު އެންމެ ފަހު ފަސް މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ މެޗެވެ. ނަމަވެސް ޔުނައިޓެޑް ވަނީ ލީގުގައި އެ ޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކޮށްފައެވެ.