ބެންކޮކް (ޑިސެމްބަރު13): ތައިލެންޑްގެ ވަލީއުލްއަހްދު ވެޖިރާލޮންކޯންގެ އަނބިކަނބަލުން ސަރީރަސްމީއަށް ލިބިވޑައިގެންފައިވާ ޝާހީ ހުރިހާ ލަގަބުތަކާއި ޝަރަފުތަކަކުން އެއްކިބާވެ ވަޑައިގަތުމަށް އެކަމަނާ ނިންމަވައިފިކަން އެގައުމުގެ ރިޔާސީ ގަނޑުވަރުން އިޢްލާން ކޮށްފި އެވެ.

ތައިލެންޑްގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރީރަސްމީ އަށް ލިބިވޑައިގެންފައިވާ ޝާހީ ހުރިހާ ލަގަބުތަކާއި ޝަރަފުތަކަކުން އެއްކިބާވެ ވަޑައިގަތުމަށް އެކަމަނާ ނިންމެވީ އެކަމަނާގެ ފިރިކަލުން ވަލިއުލްއަހްދު ވެޖިރާލޮންކޯންގެ ރުހުމުގައި ކަން އެކަމަނާ އަންގާފައިވާ ކަމުގަ އެވެ. އަދި ސަރީރަސްމީގެ މިނިންމުން ތައި ރަސްގެފާނު ބުމިބޯލް ގަބޫލުކުރައްވައި ޝާހީ އާއިލާގެ ހުރިހާ މެންބަރުންނަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެކަން އަންގަވާފައިވާ ކަމުގަ އެވެ.

ތައިލެންޑްގެ ވަލީއުލްއަހްދު ވެޖިރާލޮންކޯން، އޭނާގެ މިހާރުގެ އަނބިކަނބަލުން ސަރީރަސްމީ އާ ކައިވެނި ބައްލަވައިގަތީ 2001 ވަނަ އަހަރު އެވެ. ސަރީރަސްމީއަކީ ވެޖިރާލޮންކޯންގެ ތިންވަނަ އަނބިކަނބަލުންނެވެ. އޭގެކުރިން ދެ އަންހެނަކާ ވެޖިރާލޮންކޯން ކައިވެނި ކުރައްވާފައިވެ އެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން މިދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި ދެބޭފުޅުން އުޅުއްވަނީ ވަކިންނެވެ. ނަމަވެސް ތައިލެންޑްގެ ރަސްކަމުގެ ދަރުބާރުން ބާއްވާ ހަފްލާތަކަށް ދެބޭފުޅުން އެކުގައި ޙާޒިރުވެ ވަޑައިގަންނަވަ އެވެ. ދެބޭފުޅުންނަށް ފިރިހެން ދަރިއަކު ލިބިފައިވާއިރު ދެބޭފުޅުން ވަކިން އުޅުއްވި ނަމަވެސް ވަރިވެވަޑައިގެންފައެއްނުވެ އެވެ.

ތައިލެންޑްގެ ފުލުހުން ދާދިފަހުން ވަނީ ވަލީއުލްއަހްދު ވެޖިރާލޮންކޯންގެ އަނބިކަނބަލުން ސަރީރަސްމީގެ އާއިލާގެ ހަތްމެންބަރަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ސަރީރަސްމީގެ ބޮޑުބޭބެ އަކު ވެސް ހިމެނެއެވެ. ތައި ފުލުހުންގެ އިސް ޖެނެރަލެއްގެ މަގާމުގައި ހުންނެވި ބޮޑުބޭބެ ހައްޔަރުކޮށްފައި ވަނީ ސްމަގްލިން ކުރުމާއި ޖުވާކުޅެގެން އެތައް ސަތޭކަ މިލިޔަން ބާތް ހޯދިކަމުގެ ތުހުމަތުގަ އެވެ.

މީގެއިތުރުން ސަރީރަސްމީއާ އެއްބަނޑު އެއްބަފާ ހަތަރު ފިރިހެނުންނާއި އެކަމަނާއާ ދެބޭންގެ ދެދަރި ދެފިހެނުން ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ. އާލާސްކަންފުޅާ އުޅުއްވާ ތައިލެންޑްގެ ރަސްގެފާނު ބުމިބޯލް އަވަހާރަވެއްޖެ ނަމަ ރަސްކަމަށް އިސްވެ ވަޑައިގަންނަވާނީ ވަލީއުލްއަހްދު ވެޖިރާލޮންކޯން އެވެ. މިހާލަތުގައި ތައިލެންޑްގެ ރާނީއަކަށް ވެވަަޑައިގަންނަވާނީ ސަރީރަސްމީ އެވެ.

ތައިލެންޑްގެ ރަސްގެފާނު ބުމިބޯލް އެގައުމުގެ ރަސްކަމަށް އިސްވެ ވަޑައިގެންފައިވަނި 1946 ވަނަ އަހަރުގަ އެވެ. (ބީބީސީ)