01 Feb 2011, 23:47
އައްޑޫ ސިޓީ ކައުންސިލް ނުބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަމާ ހިތް ހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ހިތަދޫ ކޯޓް ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރަމުން އެބަދެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ އައްޑު އަތޮޅުގެ ގުޅިފައިވާ ހުރިހާ ރަށްތަކަކުން 300 އެއްހާ މީހުން މިރޭ 9:30 ހާއިރު ހިތަދޫ ކޯޓު ކުރިމައްޗަށް އެއްވެ ނުރުހުން ފާޅު ކުރަމުން ދަނީ އައްޑޫ ސިޓީ ކައުންސިލް ނުބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުމުގެ ގޮތުން ކަމަށެވެ.
އަދި މިރޭގެ މުޒާހަރާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެބޭފުޅުން އިސްވެ ތިއްބަވައިގެން ހިތަދޫ ކޯޓުގައި ވަނީ ތަޅު އަޅުވާފަ އެވެ.
އައްޑޫ ކައުންސިލްތަކުގެ ކަންތައްތައް އިންސާފުވެރި ގޮތަކަށް ނުނިމެނީސް މާދަމާ އައްޑު އަތޮޅުގެ އެއްވެސް ކޯޓެއް ހުޅުވިޔަ ނުދޭނެ ކަމަށް މުޒާހަރާ ގައި ވާހަކަ ދައްކަވަމުން އަލްހާން ވަނީ ވިދާޅުވެފައި އެވެ. އަދި އައްޑޫ އިންތިހާބު ފަސްކޮށްފައި އެހެން ރަށްރަށުގައި ވެސް ކައުންސިލް އިންތިހާބު ބޭއްވިގެން ނުވާނެ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން އެއްވެގެން ކުރަމުންދާ އެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި އަޑުގަދަ ކުރާ ބޭނުންކޮށްގެން އެއްވެ ތިބި މީހުން ދަނީ އެ މީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ނެވެ.
ކޯޓު ކުރިމަތީގައި ތިބި އިރު އެމީހުންނާ މުހާތަބުކޮށް އެކި މީހުން ގެންދަނީ އަޑުގަދަކުރާއިން ވާހަކަ ދައްކަމުންނެވެ.
ހިތަދޫ ސްޓޭޖް ކައިރިން ފެށި އެ މުޒާހަރާގެ ބައިވެރިން ހިތަދޫ ކޯޓު ކުރިމައްޗަށް އެއްވެ ގޮވަމުން ދަނީ ސިޓީ ކައުންސިލް އިންތިހާބު ނޫން އެހެން އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށާއި އެއީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެހެން ކައުންސިލަކަށް ވޯޓު ލާން ނުނުކުންނާނެ ކަމަށް ވެސް އެ މީހުން ގޮވަމުން ދެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ ފުރަތަމަ މުޒާހަރާ ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ ޕްރޮވިންސް އޮފީސް ކައިރިން ކަމަށެވެ. އެހެންނަމަވެސް ގިނަ ބަޔަކު ވެގެން ލޮރީ ބުރެއް ޖެހުމަށްފަހު ހިތަދޫ ސްޓޭޖް ކައިރިން މުޒާހަރާ ފެށުމަށް ކޯޓު ކައިރިއަށް އެއްވީ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް ނުބާއްވާ ގޮތަށް އިލެކްޝަނުން މިއަދު އިޢުލާން ކުރި އިރު ބައެއް މީހުން ވަނީ ރަށުގައި ވޯޓު ލުމަށްޓަކައި ޗުއްޓީ ނަގައިގެން އައްޑޫ އަށް ގެންގޮސްފައި އެވެ.