13 Dec 2014, 10:19
ކޮންމެ ވިޔަފާރިއަކުން ވެސް މަސައްކަތްކުރާނީ ބޮޑެތި ޕްރޮމޯޝަންތަކާއި ޑިސްކައުންޓްތައް ދީގެން ގިނަ ކަސްޓަމަރުން ހޯދުމަށެވެ. ވިޔަފާރިން އެކަށީގެންވާ ނަފާއެއް ލިބެން އޮތީ އެގޮތުންނެވެ. ކާނާ ތައްޔާރުކޮށް ވިއްކާ ތަންތަނުގެ އާދަ އަކީ ވެސް މިއެވެ. ކޮންމެ ތަނެއްގެ ވެސް އަމާޒަކީ ބާވަތްތައް ގިނަ މެނޫއެއް ނުވަތަ ކާތަކެތީގެ ވަރުގަދަ އިސްތިހާރެއް ކޮށްގެން ނަމަވެސް ގިނަ ކަސްޓަމަރުން ގެނައުމެވެ.
ޗައިނާގެ ޗޮންޗިންގް ސިޓީގެ ނާ ހުއޯ ރެސްޓޯރެންޓުން ގިނަ ކަސްޓަމަރުން ގެނައުމަށް ގެންގުޅެނީ މޮޅު އުކުޅެކެވެ. ތަފާތު ޕްރޮމޯޝަނެކެވެ. އެ ރެސްޓޯރެންޓުން ޕްރޮމޯޝަން ހުޅުވާލާފައި ވަނީ އަންނަ ކަސްޓަމަރުންގެ ބަރުދަނަށް ބެލުމަށް ފަހު އެވެ.
އެގޮތުން ފިރިހެނެއް ވެއްޖެ ނަމަ، އެމީހެއްގެ ބަރުދަން ބަރުވާ ވަރަކަށް ކާން ނަގާ އެއްޗިއްސަށް ލިބޭ ޑިސްކައުޓް އިތުރުވެ އެވެ. އަދި ބަރުދަން 140 ކިލޯ އަށް ވުރެ މަތި ވެއްޖެ ނަމަ އެމީހަކަށް ކެއުން ހިލޭ ލިބެ އެވެ.

ނަމަވެސް ރެސްޓޯރެންޓަށް އަންނަ އަންހެން ކަސްޓަމަރުންނަށް އެކަން އޮތީ ދިމާ އިދިކޮޅެވެ. ޕްރޮމޯޝަންގެ ދަށުން އަންހެނުންނަށް ޑިސްކައުންޓް ލިބެނީ ބަރުދަން ލުއިވި ވަރަކަށެވެ. އެގޮތުން ބަރުދަން 34.5 ކިލޯއަށް ވުރެ ލުއި ވެއްޖެ ނަމަ އެމީހެއްގެ ކެއުމަކަށް ފައިސާ ދައްކާކަށް ނުޖެހެ އެވެ.
ޗައިނާގެ އެންމެ ބޮޑު ސިޓީ، ޝަންހާއީގެ ރެސްޓޯރެންޓަކުން ވެސް ވަނީ ތަފާތު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ރެސްޓޯރެންޓުން ޕްރޮމޯޝަން ހުޅުވާލާފައި ވަނީ ކަސްޓަމަރެއްގެ ދިގު މިނަށް ބެލުމަށް ފަހު އެވެ. އެގޮތުން އިސްކޮޅުން ދިގުވި ވަރަކަށް ޑިސްކައުންޓް އިތުރުވެ، ހަދިޔާވެސް އެ ރެސްޓޯރެންޓުންދެ އެވެ.