ފޭސްބުކްގައި ޓެރަރިޒަމް ޕްރޮމޯޓްކޮށް އެކަމަށް ހިތްވަރު ދިން އިނގިރޭސި މަންމައަކު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާއަމަ އަށް ހިތްވަރުދީ ރުނާ ހާނު ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ފޮޓޯ ޕޯސްޓް ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އަދި ސީރިޔާގައި، ސިއްރިޔާތުގައި އަންޑާކަވާކޮށްގެން މީހުން އުޅޭނެ ތަންތަނުގެ މައުލޫމާތު ވެސް އޭނާ ވަނީ ފޭސްބުކްގައި ހިއްސާކުރި ކަމަށް އޭނާ އެއްބަސްވި އެވެ.

އަދި މުޖާހިދު ކުދިން ބޮޑު ކުރާ ކަމަށް ގޮވާލައި 2013 ވަނަ އަހަރު ފޭސްބުކުގައި އާޓިކަލްއެއް ޕޯސްޓްކުރި ކަމަށް ވެސް އޭނާ ކޯޓުގައި އިއުތިރާފުވި އެވެ. އަދި އިންޓަނެޓް ފޯރަމެއްގައި އޭނާގެ ދަރިފުޅު ޖިހާދީއެއްގެ ގޮތުގައި ބޮޑުކޮށް އެ މަސައްކަތަށް ނެރޭނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ކޯޓުގައި އިއުތިރާފުވި ކަމަށް ވެސް އާރުޓީ އިން ބުންޏެވެ.

ހާން އޭނާގެ ދަރިފުޅުގެ އަތަށް ބަޑިއެެއްދީ އަދި ކަނޑިއެއްދީފައިވާ ފޮޓޯއެއް އޭނާގެ ޓުވީޓާ އެކައުންޓްގައި ޝާއިއު ކުރި ކަމަށާއި ފަނޑިޔާރު ނިންމީ އެއީ ވެސް އޭނާ ޖިހާދަށް ހިތްވަރު ދިނުމަށް ހިންގާފައިވާ ހަރަކާތެއް ކަމަށެވެ.

ހާންގެ މައްޗަށް ހުކުމް ކުރުމުގެ ކުރީން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޖާނުން ފިދާވެގެން ޝޮޕިން މޯލްތައް ގޮއްވުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ ޖާނުން ފިދާވުމުގެ ހަމަލާތައް ދޭ ވާހަކަ އޭނާ ދައްކަނީ ހަނގުރާމައިގެ މައިދާނުގައި އެކަނި ކަމަށެވެ.