13 Dec 2014, 10:11
އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީ ބޯޅަ ލީގުގައި އެ ޓީމް ކުޅުނު އެންމެ ފަހު މެޗުން ބަލިވިނަމަވެސް، ލީގުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.
ދިވެހި ސިފައިންގެ ކްލަބް ގައުމީ ވޮލީ ލީގު ކާމިޔާބުކުރީ ލީގުގެ ދެވަނަ ބުރުގައި އެންމެ ގިނަ މެޗުތައް ކާމިޔާބުކޮށް ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެއްގެ ގޮތުގައި ލީގު ނިންމާލައިންނެވެ. އެ ޓީމް ލީގުގެ ދެވަނަ ބުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކަމިޔާބުކޮށްފައިވާ އިރު، އެ ޓީމް ވަނީ ލީގުގައި މުޅިއަކު 28 ޕޮއިންޓު ހޯދައިފަ އެވެ.
އެ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު އެންމެ ފަހު މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބެވެ. އެ މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ޕޮލިސް ކްލަބުގެ ޕްރަބާގަރަން ހޮވިފައި ވާއިރު، ޕޮލިސް ކްލަބް ވަނީ އެ ރޭގެ ނަތީޖާއާއެކު މުބާރާތުގައި މުޅިއަކު 21 ޕޮއިންޓު ހޯދާ، ލީގުގެ ދެވަނަ ޓީމްގެ މަގާމު ހޯދައިފަ އެވެ.
އެ މެޗަށް ފަހު ލީގުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ތައްޓާއި ހަދާނީ ލިޔުން ހަވާލުކޮށްފައެވެ. މުޅި ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކްލަބުގެ އިސްމާއިލް ސާޖިދު އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕޮލިސް ކްލަބުގެ މުހައްމަދު ޝާއިން ހޯދިއިރު، އެ އުމުރުފުރާގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ސިޓީގެ އާދަމް ފައިރޫޒް އެވެ.
ލީގުގެ އެންމެ މޮޅު އައުޓްސައިޑް ސްޕައިކަރަކަށް ހޮވުނީ ދިވެހި ސްިފައިންގެ ކްލަބުގެ އިސްމާއިލް ސާޖިދު އެވެ. އަދި ލީގުގެ އެންމެ މޮޅު ސެޓަރުގެ މަގާމް ޕޮލިސް ކްލަބުގެ އިޝާން މުހައްމަދު ހޯދިއިރު، އެންމެ މޮޅު މިޑްލް ބްލޮކަރުގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބުގެ އަލީ އާމިރު އެވެ. ގައުމީ ވޮލީ ލީގުގެ އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރުގެ މާގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލް ކަރީމް އެވެ. އަދި ލީގުގެ އެންމެ މޮޅު ލިބެރޯގެ މަގާމް އެ ކްލަބުގެ މުހައްމަދު ޝާހު ހޯދިއިރު، ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ކްލަބުގެ މުހައްމަދު ސާޖިދު އެވެ.
ގައުމީ ވޮލީ ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ވެސް މެޗެއް ކުޅެފައިވެ އެވެ. އެ މެޗުގައި ބައްދަލުކުރީ ސްޕޯޓްސް ކްލަބް ސިޓީ އާއި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. ސްޕޯޓްސް ކްލަބް ސިޓީ ވަނީ ސިދާ ތިން ސެޓުން އެ މެޗު ކާމިޔާބުކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ސިޓީގެ އަހުމަދު ފަޒީލް އެވެ. އެ މެޗުގެ ނަތީޖާއާއެކު ސްޕޯޓްސް ކްލަބް ސިޓީ މުޅިއަކު 11 ޕޮއިންޓް ހޯދާ ލީގުގެ ތިން ވަނަ މަގާމް ހާސިލްކޮށްފައި ވާއިރު، ސްޕޯޓްސް ކްލަބް ގުޑީސް އަށް މުޅިއަކު ފަސް ޕޮއިންޓާއެކު ލިބިފައި ވަނީ ލީގުގެ ހަތަރުވަނަ މަގާމް އެވެ.
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ ވޮލީ ލީގަށްފަހު ގައުމީ ވޮލީބޯޅަ މުބާރާތް މިއަދު ހަވީރު ވަނީ ފަށަން ހަމަޖެހިފައެވެ. ލީގުގެ ފުރަތަމަ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ލީގުގެ ހަތަރުވަނަޔާ ތިންވަނަ މަގާމް ހާސިލްކުރި ސްޕޯޓްސް ކްލަބް ގުޑީސް އާއި ސްޕޯޓްސް ކްލަބް ސިޓީއެވެ.