މާލޭ ދެކުނު ފަރާތު ފަޅުތެރެ އަށް ރޭ އަޑިއަށް ދިޔަ ތެޔޮ ބަނޑު ފުންކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު "ސަން" އަށް ވިދާޅުވީ ރޭ 12:50 އެހާކަންހާއިރު ކޯސްޓްގާޑަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ދިޔަ އިރު "ފިޔަލަ" ނަމަކަށް ކިޔާ އެބާޖު އޮތީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށެވެ.

ބަނޑު ތިލަކުރުމަށް ކެރޭނެއް ބޭނުންކޮށްގެން ބާޖުގެ ވެރިފަރާތުންނާއި އެމްްއެންޑީއެފްގެ ޑައިވަރުން ކުރި މަސައްކަތުން ރޭ ދަންވަރު ގާތްގަނޑަކަށް 3:40 އެހާކަންހާއިރު އެ ބަނޑު ފުންކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ، 20،000 ލީޓަރުގެ ތެޔޮ ހުރި އެ ބަނޑު ފުންކުރުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަޅުތެރެ އަށް ކޮންމެވެސް ވަރަކަށް ތެޔޮ އެޅިފައި ވާތީ އެ ސަރައްހަދު ރަނގަޅަށް ސާފު ނުވަނީސް މޫދަށް އެރި ނޫޅުމަށް އެންވަޔަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފައިވާ ކަމަށެވެ.