13 Dec 2014, 09:40
ވޮޝިންޓަން (ޑިސެމްބަރު13): އަންނަ 2015 ވަަނަ އަހަރު އެމެރިކާގެ އަސްކަރީ ބަޖެޓަކީ 577 ބިލިޔަން ޑޮލަރު ކަމަށް ނިންމައި ކޮންގްރެސްއިން އެބަޖެޓް ފާސްކޮށްފި އެވެ.
ކޮންގްރެސްއިން އިއްޔެވަނީ ޢަސްކަރީ ބަޖެޓް ފާސްކުރުމަށް ފަހު ތަސްދީގު ކުރުމަށްޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަތްޕުޅަށް ފޮނުއްވާފަ އެވެ. އެމެރިކާގެ އަސްކަރީ ބަޖެޓްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށާއި މިހާރު ހުރި ނިއުކްލިޔާ ހަތިޔާރު މަރާމާތު ކުރުމަށް 17.9 ބިލިޔަން ޑޮލަރާއި ބޭރުގައުމުތަކުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމަތަކަށް 64 ބިލިޔަން ޑޮލަރު ހިމެނެ އެވެ. މީގެތެރޭގައި އައިއެސް ޖަމާއަތާއި އަލްގާއިދާފަދަ ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމަތަކާއި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ދިނުމަށް ރާވާފައިވާ އެހީތަކާއި އިރާގާއި އަފްޣާނިސްތާން ސިފައިން ތަމްރީން ކުރުމަށް ހިނގާނެ ކަމަށް ބެލެވޭ ޚަރަދުތައްވެސް ހިމެނެ އެވެ.
މިހާ ބޮޑު ބަޖެޓެއް ފާސްކޮށްފައިމިވަނީ އެމެރިކާގެ އަސްކަރީ ކަންކަމަށް ޚަރަދު ކުރުމަށް ޕެންޓަގަން އިން ރާވާފައިވާ ހުރިހާ ރޭވުންތަކަކަށް އިދިކޮޅު ރިޕަބްލިކަން ޕާޓީން އެއްބާރުލުން ދިނުމުގެ ސަބަބުންނެވެ. ކޮންގްރެސްގެ ދެ ގޭގެ ވެސް އަޣްލަބިއްޔަތު އޮންނަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. އެމެރިކާގެ އަސްކަރީ ބަޖެޓަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބަޖެޓެވެ.
މިހާ ބޮޑު ބަޖެޓެއް އަސްކަރީ ކަންކަމަށް އެމެރިކާ އެކަށައަޅާއިރުވެސް އެމެރިކާ ގެންދަނީ ޗައިނާފަދަ އެމެރިކާއާ ވާދަކުރާ ގައުމުތަކުގެ އަސްކަރީ ބަޖެޓަށް ފާޑުކިޔައި ކަންބޮޑުވާކަން ހާމަކުރަމުންނެވެ. (ރޮއިޓާސް)