12 Dec 2014, 22:28
މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފެނުގެ ދަތިކަން އިހުސާސް ކުރަން ޖެހުމުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ފެންފުޅިތައް ބަހައި ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިރޭ 9:00 އިން ފެށިގެން މާލޭގެ ދިހަ ސަރަހައްދެއްގައި ފެން ބެހުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެއީ ސޯޝަލް ސެންޓަރާއި ހިރިޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ކުޅިވަރު އެކުވެނި އާއި ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލާއި ހެންވެރު ފުޅުބޯޅަ ދަނޑާއި ގައުމީ ފުޓުބޯޅަ ސްޓޭޑިއަމެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ ވިދާޅުވީ މިރޭ 12:00އާ ހަމައަށް ހުރިހާ ފެންފުޅިތައް ބަހައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ފެން ފުޅިތައް ހޯދުމަށް ގިނަ ބަޔަކު އެ ސަރަހައްދުތަކުގައި ވަނީ ކިޔު ހަދާފަައެވެ.

މާލޭގެ ރައްޔިތުން ފެނުގެ ދަތިކަން އިހުސާސްކުރަން ޖެހުމުން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ޗައިނާއިން ވަނީ ގިނަ އަދަދެއްގެ ބޯފެން ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. އިންޑިއާ އާއި ބަނގުލަދޭޝް އަދި ޗައިނާ އިން ވަނީ ފެން އުފައްދާ މަނަވަރުތަކެއް ރާއްޖެއަށް ފޮނުވާފަ އެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެން ލިބުމުގެ ދަތިކަން މިހާރު ހައްލުވެފައިވާތީ، ފެން އުފައްދާ މަނަވަރުތައް އަނބުރާ އެ ގައުމުތަކަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށް ޓާސްކް ފޯސް އިން ވަނީ ބުނެފައެވެ.