އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަން މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވިޔަސް، އެ ދުވަހުގެ ޖަލްސާގެ އެޖެންޑާއެއް މެމްބަރުންނަކަށް އަދި ނުފޮނުވަ އެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ އާދީއްތަ ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާ ކަނޑައަޅާނީ މާދަމާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވިދާޅުވެފައި ވަނީ އާދީއްތަ ދުވަހު މަޖިލިސް ބާއްވަން އުޅެނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާފައިވާ ނިންމުމާމެދު ގޮތެއް ނިންމުމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހުގައި ނަގާ ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 23 މެމްބަރުން ވޯޓު ދެއްވާނީ އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރުމާ ދެކޮޅަށެވެ. އަދި އެ ދެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.