12 Dec 2014, 16:35
މަރުގެ މައްސަލަތަކާއި މީހެއްގެ ގުނަވަން ނެތިފަދަ ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުންނަށް ހަނު ހުރުމުގެ ހައްގާއި ބަންދުން މިނިވަންވުމުގެ ހައްގު ހިފެހެއްޓޭ ގޮތަށް ގާނޫނެއް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.
ގައުމީ ސަލަމާތު ކޮމެޓީން ދިރާސާ ކުރުމަށްފަހު އިސްލާހުކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނެވެ. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ ބިލް ދިރާސާކޮށް ނިންމުމަށްފަހު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ.
ކޮމެޓީން ދިރާސާކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީގެ މައްސަލަތަކުގައި ދައުވާ ކުރަން ކޯޓަށް ހުށަހަޅާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ. އަދި އެފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހެއްގެ މައްޗަށް 15 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމާއި އެފަދަ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުންގެ މައްޗަށް ކޯޓުން ކުރާ ހުކުމް އިސްތިއުނާފު ކުރަން ޖެހޭ މުއްދަތަކީ 30 ދުވަސް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. މިހާރު މައްސަލަތަކުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 90 ދުވަހެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހުން މެރުމާއި، މީހުންގެ ގުނަވަން ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގާ މީހުން ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު އެ ބިލުން ފަނޑިޔާރުންނަށް ދީފައިވެ އެވެ. ބަންދުން މިނިވަންވުމުގެ ހައްގު އެގޮތަށް ހިފަހައްޓާފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބަލުމަށްފަހު ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކަށް، އޭނާ ހައްޔަރުކުރާތާ ފުރަތަމަ 36 ގަޑިއިރު ތެރޭގައި ގާނޫނީ ވަކީލާ ބައްދަލުކުރެވޭނީ ފުލުހުންގެ ހާޒިރުގަ އެވެ.
ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލައިފިނަމަ އޭނާގެ އަދަބަކީ މަރު ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް މަރުގެ ދިޔަ ހޯދުމަށް، ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި ވާރިސުން އެމީހަކަށް މައާފުދީފިނަމަ އެ މީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އެއީ 25 އަހަރެވެ.
ގަސްދުގައި މީހަކު މަރަން އުޅުމާއި އެފަދަ ކުށެއް ކުރަން އެހީތެރިވެއްޖެނަމަ އެ މީހެއްގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އޭނާގެ އަދަބަކީ ވެސް އުމުރަށް ޖަލަށް ލުމެވެ.