ނިއުދިއްލީ (ޑިސެމްބަރު 12) : އިންޑިޔާގައި 12 ނިއުކްލިޔާ ރިއެކްޓަރު ބިނާކޮށްދިނުމުގެ އެއްބަސްވުންތަކެއްގައި ރަޝިޔާއިން ސޮއިކޮށްފި އެވެ.

މިއެއްބަސްވުންތަކުގެ ދަށުން މި 12 ރިއެކްޓަރު އިންޑިޔާގައި ބިނާކޮށްދޭނީ ރަޝިޔާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ރޮސާޓޮމް އިންނެވެ. މިއީ ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގައި ފެންވަރުގައި ވެސް ނަން މަޝްހޫރު މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މިއެއްބަސްވުންތަކުގެ އަގު 150 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއެއްބަސްވުންތަކުގެ ދަށުން މި 12 ރިއެކްޓަރު ބިނާކުރުމަށް 10 އަހަރުގެ މުއްދަތެއް ނަގާނެއެވެ.

މިރިއެކްޓަރުތައް ބިނާކުރުމުގެ އިތުރުން މިތަންތަން ހިންގުމަށް ބޭނުންވާ ފަންނީ މީހުން ތަމްރީންކޮށްދިނުމާއި ސްޕެއަރޕާޓްސް ފޯރުކޮށްދިނުން ވެސް މިއެއްބަސްވުންތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ރަޝިޔާ އިން ވަނީ 10 އަހަރުގެ މުއްދަތަށް އިންޑިޔާއަށް ބޭނުންވާ ތެލުގެ ބޮޑުބައެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. މިއީވެސް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އެއްބަސްވުމެކެވެ. މީގެ އިތުރުން ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ މަރުކާގެ ހެލިކޮޕްޓަރުގެ ބައިތައް އިންޑިޔާގައި އުފައްދައި އެތަކެތި އިންޑިޔާގައި އެެސެމްބްލް ކުރުމުގެ އެއްބަސްވުމެއްގައި ވެސް ދެގައުމުން ވަނީ ސޮއިކޮށްފަ އެވެ.

ރަޝިޔާގެ ރައީސް ވްލްޑިމޭރު ޕޫޓިން އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ބޭންކިންގް އާއި ކަސްޓަމްސް އާއި ދަނޑުވެރިކަމާ ބެހޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. މިއެއްބަސްވުންތަކުގެ ސަބަބުން އިންޑިޔާ އާއި ރަޝިޔާ އަށް އިގްތިސާދީ އަދި ވިޔަފާރީގެ އިތުރު ފުރްސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ދެ ގައުމުގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. ނަރަންދްރަ މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަޝިޔާގެ ރައީސް ޕޫޓިން އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިއްޔެ ވަނީ މޯދީއާ ބައްދަލުކުރައްވާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ޕޫޓިން ވަނީ އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީ އާ ބައްދަލުކުރައްވާފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިިޔުމުގެ އިތުރުން ޔުކްރޭންގެ މައްސަލާގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކުގެ އަސަރު ކުޑަ ކުރުމަށް ޓަކައި ރަޝިޔާ ގެންދަނީ ޗައިނާ، އިންޑިޔާ، ތުުރުކީ، އީރާން، އާޖެންޓީނާ، އިންޑޮނީޝިޔާ އަދި ބްރަޒީލްފަދަ ގައުމުތަކާ އެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިި ކުރަމުންނެވެ. (ރޮއިޓާސް)