12 Dec 2014, 15:06
ދިފާއީ ކަންކަމުގައި އިންޑިއާގެ އެންމެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮންނާނީ ރަޝާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވެފައި ވަނީ ދެގައުމު ގުޅިގެން ލުއި ހެލިކޮޕްޓަރު އުފައްދަން އިންޑިއާ އިން ހުށަހެޅި ހުށަހެޅުން ރަޝާ އިން ގަބޫލުކުރިކަން އިއުލާން ކުރެއްވުމަށް ރަޝާގެ ބޮޑުވަޒީރު ލަޑީމިއާ ޕުޓިންގެ އަރިހުގައި ބުރާސްފަތި ދުވަހު ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ. ޕުޓިން އިންޑިއާއަށް ވަޑައިގެންނެވީ ކޮންމެ އަހަރަކު ވެސް އެ ދެ ގައުމުން ބާއްވަމުން އަންނަ މަޝްވަރާގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ޕުޓިންގެ ދަތުރުފުޅުގައި ތެލުގެ ވިޔަފާރީގެ މުހިއްމު އެއްބަސްވުމެއް ވެސް ދެގައުމުގެ ދެމެދުގައި ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ރަޝާގެ ބިޔަ ތެޔޮކުންފުންޏެއް ކަމަށްވާ ރޮސްނެފްޓް އާއި އިންޑިއާގެ އެއްސާރު ތެޔޮ ކުންފުންޏާ ދެމެދު ވަނީ 10 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 10 އަހަރުގެ ތެރޭގައި ރަޝާ އިން އިންޑިއާއަށް 10 މިލިޔަން ޓަނުގެ ސާފުނުކުރާ ތެޔޮ އެތެރެކުރާނެއެވެ.
ރަޝާއަކީ ދިފާއީ ގޮތުން އެންމެ މުހިއްމު ބައިވެރިޔާ ކަމަށް ވިޔަސް ޕުޓިންގެ މިފަހަރުގެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ދިފާއީ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށް އިންޑިއާގެ ނޫތަކުން ބުންޏެވެ. ނަމަވެސް ރަޝާއާއި ބެހޭ ގޮތުން މޯދީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ރަޝާއިން ޕާކިސްތާނާއި އެކު ސޮއިކުރި ދިފާއީ އެއްބަސްވުމާއި ގުޅިގެން އިންޑިއާއާ ގުޅުން ގޯސްވެފައިވާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.