ރާމަﷲ (ޑިސެމްބަރު 12) : އިސްރާއީލުން މިދިޔަ ބުދަދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ ވަޒީރު ޒިޔާދު އަބޫޢައިންގެ ޖަނަޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އާއި ބޮޑުވަޒީރު ރާމީ ހަމްދުﷲ އާއި ފަލަސްތީނުގެ ވަޒީރުންނާއި އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވި މިޖަނާޒާ އަށް ޙާޒިރުވި ފަލަސްތީނުގެ އެތައް ހާސްބަޔަކު ވަނީ ޒިޔާދު އަބޫއައިން ޝަހީދުކޮށްލުމުގެ ފަހަތުގައިވާ އިސްރާއީލުގެ ހަރުކަށި މަސްއޫލުވެރިން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށްގޮވާލާފަ އެވެ.
މިޖަނާޒާ އަށް ޙާޒިރުވި ފަލަސްތީނުގެ ރައްޔިތުން، އިސްރާއީލުގެ ހަރުކަށި ވެރިން ސިފަކުރަމުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ލެއިން ފެންވަރަމުންދާ ނުރައްކާތެރި ގާތިލުން ކަމަށް ސިފަކޮށްފަ އެވެ. ފަލަސްތީނުގެ ކެބިނެޓްގައި ހިމެނޭ ވުޒަރާއެއްނެތް ވަޒީރެއް ކަމަށްވާ ޒިޔާދުއަބުލްޢައިން މިދިޔަ ބުދަ ދުވަހު ޝަހީދުވެފައި ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންކުރި އިޙްތިޖާޖްތަކެއް ރޫޅާލުމަށް އިސްރާއީލު ސިފައިން ބާރުގެ ބޭނުން ކުރުމުގެ ތެރޭގަ އެވެ. އަބުލްޢައިން ޝަހީދުވީ އިސްރާއީލު ސިފައިން އޭނާގެ މޭމަތީގައި ވަރަށްބާރަށް ތެޅުމުގެ ސަބަބުން ކަމަށް އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުންވިދާޅުވެފައިވެ އެވެ. އިސްރާއީލަކީ ޓެރަރިސްޓް ހަމަލާތައް ދީގެން ވެސް ފަލަސްތީނުގެ އިސް މަސްއޫލުވެރިން ޝަހީދުކުރުމުގެ ކަޅުތާރީޚެއް އޮންނަ ގައުމެކެވެ.

އިސްރާއީލުން ޝހީދުކޮށްލާފައިވާ ފަލަސްތީނުގެ މަސްއޫލުވެރިންގެ ތެރޭގައި ޕީ.އެލް.އޯގެ އިސްލީޑަރުންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އިސްލީޑަރުން ވެސް ހިމެނެ އެވެ. މީގެ ތެރޭގައި އަބޫއިޔާދާއި އަބޫ ޖިހާދާއި ޝައިޚް އަޙްމަދު ޔާސީން އާއި ޑރ. އަބްދުލްއަޒީޒް އައްރަންތީސީ އާއި އިއްޒުއްދީން އަލްގައްސާމް ފަދަ އެތަށް ލީޑަރުންނެއް ހިމެނެއެވެ. އަދި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށް ވިހަލައިގެން އަރަފާތު ޝަހީދުކޮށްލުމުގެ ފަހަތުގައި ވަނީ ވެސް އިސްރާއީލު ކަމަށްވަނީ ތުހުމަތު ކުރެވިފަ އެވެ. (އަލްޖަޒީރާ)