ކޯޕަނެހޭގަން (ޑިސެމްބަރު 12) : އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަންމުސްތަގިއްލު ދައުލަތް ގަބޫލުކުރުމާ ބެހޭ ގަރާރެއް ޑެންމާކުގެ ޕާލަމެންޓަށް ހުށަހަޅައިފި އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނަށް އިޢްތިރާފް ވުމަށް ޑެންމާކު ސަރުކާރަށް ގޮވާލާ މިގަރާރުގެ ދެލިކޮޕީ އެގައުމުގެ ޕާލަމެންޓަށް ހުށަހަޅާފައިވަނީ އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުންގެ ތާއީދާވެސް އެކުގައެވެ. އެހެންކަމުން މިގަރާރުގެ ބަހުސް މަރްޙަލާ އަށްްފަހު ޑެންމާކުގެ ޕާލަމެންޓުގެ ބޮޑު އަޣްލަބިއްޔަތަކުން މިގަރާރު ފާސްވާނެ ކަމަށްވަނީ ބެލެވިފައެވެ.

އަނެއްކޮޅުން ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސްގައި ހިމެނޭ ސެނެޓުންވެސް އިއްޔެވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމަށް ފަރަންސޭސި ސަރުކާރަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ފަރަންސޭސި ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ނެޝަނަލް އެސެމްބްލީންވެސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިޢްތިރާފްވުމަށް ފަރަންސޭސި ސަރުކާރަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

1967ގެ ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއިޣައްޒާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއްގާއިމްކުރިކަން ޕީ.އެލް.އޯ.އިން އިޢްލާންކޮށްފައިވަނީ 1989 ވަނައަހަރުގައެވެ. މިއިޢްލާނާއެކު ދުނިޔޭގެ ގިނަގައުމުތަކުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވިނަމަވެސް ވިލާތުގެ ހުޅަނގު ފަޅީގެ ގައުމުތައް ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފް ވެފައެއްނުވެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލާގައި ޔުރަޕްގެ ގައުމުތަކުގެވިސްނުން ބަދަލުވާންފެށީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތަކަށް20 އަހަރު ވީއިރުވެސް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޖާގަދިނުމަށް އިސްރާއީލުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. އަދި މިދިޔަ ޖުލައިމަހާއި އޮގަސްޓްމަހު އިސްރާއީލުން ޣައްޒާއާދެކޮޅަށްކުރި އުދުވާނީ ހަނގުރާމައިގާ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ލާއިންސާނީ ޖަރީމާތަކަކީވެސް ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމުގެ މުހިއްމުކަން ވިލާތުގެ ގައުމުތަކަށް އިޙްސާސް ކުރެވުނު ސަބަބެކެވެ. މިއާއެކު މިދިޔަމަހު ސްވިޑްންގެ ސަރުކާރުން ފަލަސްތީނުގެމިނިވަން ދައުލަތްވަނީގަބޫލުކޮށްފައެވެ. އަދި އިނގިރޭސިވިލާތާއި އަޔަރލޭންޑާއި ސްޕޭންއާއި ފަރަންސޭސިވިލާތުގެޕާލަމެންޓްތަކުންވެސްވަނީ ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފް ވުމަށް އެގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާގަރާރުތަކެއް ފާސްކޮށްފައެވެ.މީގެއިތުރުން ބެލްޖިޔަމްގެ ޕާލަމެންޓުންނާއި ޔޫރަޕްގެެ އިއްތިޙާދުގެ ޕާލަމެންޓުންވެސް ގެންދަނީ މިފަދަ ގަރާރެއް ފާސްކުރުމަށް ތައްޔާރުވަމުންނެވެ.

މި ގަރާރުތަކަކީ އެއަށް އަމަލުކުރުން ޔޫރަޕްގެ ގައުުމުތަކުގެ ސަރުކާރަށް ލާޒިމް ކުރާ ގަރާރުތަކެއް ނޫންނަމަވެސް ފަރަންސޭސި ޚާރިޖީ ވަޒީރުވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދަށް އައުމުގެ ފުރްސަތު އިސްރާއީލުން ނުދީފިނަމަ 2016 ވަނަ އަހަރު ފަރަންސޭސި ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވާނެ ކަމަށް ވަޢްދުވެވަޑައިގެންފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމާބެހޭގޮތުން ޔޫރަޕްގެ ޕާލަމެންޓްތަކުން ފާސްކުރަމުން ގެންދާ ގަރާރުތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ހަރުކަށި ކަމަށް ދެމުންގެންދާ މެސެޖްތަކެކެވެ. މިމެސެޖްތަކާއެކު ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވިލާތުގެ ގިނަ ގައުމުތައް ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއްތިރާފްވާނެ ކަމަށް މުޙައްލިލުން ލަފާކުރެއެވެ. (އަލްޖަޒީރާ)