01 Feb 2011, 22:17
އަތޮޅުތަކުގައި މުބާރާތްތައް ބާއްވަމުން އައި ބައެއް ކުޅިވަރުތަކުން އެ މުބާރާތް ނުބާއްވާތީ މިނިސްޓްރީއަށް ޝަކުވާ އަންނަ ކަމަށާއި ނަމަވެސް އެއީ މިނިސްޓްރީގެ ނިންމުމެއް ނޫން ކަމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަބްދުއްރައްޒާޤު އިބްރާހީމް ވިދާޅުވީ އަހަރުތެރޭގައި ބާއްވާނެ މުބާރާތްތައް ކަނޑައަޅަނީ އެ އެސޯސިއޭޝަނަކުން ކަމަށެވެ. "މިކަމުގައި މިނިސްޓްރީގެ އެެއްވެސް ރޯލެއް ނެތް. ސަރުކާރުން މިނިސްޓްރީއަށްދޭ ބަޖެޓުން ކޮންމެ އަހަރަކުވެސް ކުޅިވަރު އެސޯސިއޭޝަންތަކަށް މި ފައިސާ ދެނީ ވަކި އުސޫލަކުން. އެ ބަޖެޓުން އެސޯސިއޭޝަންތަކުން ނިންމަން ޖެހެނީ ކޮން މުބާރާތްތަކެއްތޯ ބާއްވާނީ. އެގޮތުން ބައެއް ކުޅިވަރުތަކުން އަތޮޅުތަކުގެ މުބާރާތް ނުބާއްވަން ނިންމީވެސް." ރައްޒާގު ވިދާޅުވިއެވެ.
ޒަމާނުއްސުރެ އަތޮޅުތަކުގެ މުބާރާތް ބާއްވަމުން އައި ފުޓްބޯޅަ އާއި ވޮލީން މިިދިޔަ އަހަރު އެ މުބާރާތް ބާއްވާފައި ނުވަނީ ބަޖެޓްގެ ދަތިކަމާ ހެދި ކަމަށް ބުނެފައެވެ. ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަލީ އާޒިމް ވިދާޅުވެފައިވަނީ މިއަހަރު ރާއްޖެތެރޭގެ މުބާރާތް ބޭއްވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި އެކަމާ ގުޅޭ ގޮތުން މިނިސްޓްރީއާ ވަރަށް އަވަހަށް ބައްދަލު ކުރާނެ ކަމަށެވެ.
ރައްޒާޤު ވިދާޅުވީ ފުޓްބޯޅައިން އަދި މަޝްވަރާ ނުކުރާ ކަމަށާއި ނަމަވެސް ފުޓްބޯޅައަށްވެސް އިތުރު ބަޖެޓެއް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. "އެކަންތައް ކުރިއަށް ގެންދެވިދާނެ ގޮތަކާމެދު މަޝްވަރާ ކުރެވިދާނެ. އެކަމަކު މިއަހަރުގެ ބަޖެޓްގައި އިތުރު ފައިސާއެއް ނުހުންނާނެ އެސޯސިއޭޝަންތަކަށް ދޭކަށް. އެެހެންވެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަނޑައެޅިފައިވާ ބަޖެޓުން އެ މުބާރާތްވެސް ބާއްވަން ޖެހޭނީ." ރައްޒާގު ވިދާޅުވިއެވެ.
ފުޓްބޯޅަ އާއި ވޮލީ ފިޔަވާ އެހެން ކުޅިވަރަކުން ރާއްޖެތެރޭގެ މުބާރާތެއް ނުބާއްވައެވެ.