12 Dec 2014, 11:48
ޅ. ނައިފަރުން އާދަމް ނަޒީރު
މި ސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ އިގްތިސާދީ ގޮތުން ފުދުންތެރި ސިނާއަތަކަށް ހެދުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގައި ރޭ ބޭއްވި 34 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ފުދުންތެރި ދާއިރާއަކަށް ވެއްޖެނަމަ ބޭރުން އަންނަ އެކި އެކި ކަންކަމުން ގުޑުވާނުލެވޭނެ ކަމަށެވެ. ޝައިނީ ވިދާޅުވީ ސަބްސިޑީ ދީގެން މަސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދަން ބޭނުންނުވާ ސަބަބަކީ އެއީ ކަމަށެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ އިންޑިއާ ކަނޑުގެ ތެރެއަށް ވަދެ ބޭރުގެ ފަރާތްތަކުން މަސް ބާނަން ފެށުމުން ދިވެހިންނަށް އެކަމުން އުނދަގޫވާ ކަމަށެވެ. އިންޑިއާ ކަނޑުގެ ތެރެއަށް އެފަދަ މަސްވެރިން ވަންނަނީ، އެގައުމުތަކުގެ ކަނޑުތަކުން މަސްވެރިކަން ނުކުރެވޭތީ ކަމަށާއި އެހެންވެ އެ ގައުމުތަކުގެ ސަރުކާރުން މަސްވެރިންނަށް ސަބްސިޑީ ދޭ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.
"އެއްވަނަ ދުނިޔޭގައި މަސްވެރިންނަށް ސަބްސިޑީ ދީގެން މިގެންގުޅެނީ ހަގީގަތުގައި އެބޭފުޅުންގެ ކަނޑުތައް ހުސްވެ އެބޭފުޅުންގެ ކަނޑުތަކުގައި އެއްވެސް ދިރުމެއް ނެތީމަ އެ މަސްވެރިން މައިތިރިކޮށްގެން ގެންުގުޅެވޭނެ ގޮތެއް ހޯދުމަށްޓަކައި،"ޑރ. ޝައިނީ ވިދާޅުވި އެވެ.
ހަމައެކަނި ސަޕްސިޑީޒް ދީގެން މަސްވެރިންގެ އަނގަ ބަންދުކޮށްލައިގެން ތިބެން މި ސަރުކާރުން ބޭނުންނުވާ ކަމަށާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސަރުކާރުގެ އުއްމީދުތަކެއް އެބަހުރި ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނުވޭ ފަސޭހަގޮތަކަށް ބަލައިގެން ސަބްސިޑީތަކެއް ދީގެން އަނގަބަންދު ކޮށްލައިގެން ތިބުމަކަށް. އަޅުގަނޑުމެންގެ މަގްސަދު އެއަށްވުރެއް މާ މާތް." މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ތައާރަފްކޮށްފައިވާ ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރިވުމަށް ބައެއް މަސްވެރިން ފަސްޖެހެނީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު މިއަދު ބަލާގަންނަން ޖެހޭ ކަމަށާއި ޒުވާނުންނަކީ މިގައުމުގެ ހަކަތަ ކަމުގައިވާއިރު ޒުވާނުން ބޭނުން ނުކޮށް މަސްވެރިކަމުގައި ބައިވެރިނުކުރުމަކީ އެ ސިނާއަތައް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މިނިސްރު ޝައިނީ ވިދާޅުވި އެވެ.