12 Dec 2014, 11:28
އެމެރިކާ އިން ވިއްކާ ސާފުނުކުރާ ތެލުގެ އަގު ބާޒާރުގައި ދަށަށް ހިނގައްޖެ އެވެ.
ރޮއިޓާސް ބުނީ އޭޝިއާގެ ގައުމުތަކާ އެކު މިއަދު ކުރި ފުރަތަމަ ވިޔަފާރީގައި އެމެރިކާގެ ތެލުގެ އަގު ހެޔޮވެފައިވާ ކަމަށެވެ. އެގޮތުން އެމެރިކާ އިން ވިއްކާ ތެޔޮ އެއް ޑޮލަރު ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ތެޔޮފީފާއެއް ހުރީ 59 ޑޮލަރަށް ކަމަށާއި އަގު ދަށަށް ދިޔައީ ސަޕްލައި އިތުރުވުމުގެ ސަބަބުން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ކުރިއަށް ޑެލިވަރީ ކުރަން ހުރި ތެޔޮފީފާއެއް އަގު ވަނީ 59.08 ޑޮލަރުން 58.80 ޑޮލަރަށް ދަށަށް ގޮސްފައެވެ. އަދި ބްރެންޓް ކްރޫޑުގެ އަގު ވަނީ 63.68 ޑޮލަރުން 63.05 އަށް ދަށް ގޮސްފައެވެ.
ބްރެންޓް ކްރޫޑުގެ އަގު މިދިޔަ ޖޫން މަހު ހުރި ވަރާއި އަޅައި ބަލާއިރު މިހާރު އެބްރޭންޑްގެ އަގު ވަނީ ދެބައިކުޅަ އެއްބަޔަށް ހެޔޮވެފައެވެ. އެގޮތުން އޭރު ތެޔޮފީފާއެއްގެ އަގު ހުރީ 115 ޑޮލަރުގައެވެ.
ތެލުގެ އަގު ދަށް ދިޔަ އެއް ސަބަބަކީ ޗައިނާގެ އިގުތިސާދީ މަސައްކަތަށް އައި މަޑުޖެހުމެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާގެ އިގުތިސާދީ ހަރަކާތްތައް ނިމިދިޔަ ހަފުތާގައި ވަނީ މަދުވެފައެވެ.